އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަގާއި އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން ފާހަގަވި ނަމަވެސް އެ މައްސަލާގައި އެ ކުންފުންޏަށް ފިޔަވަޅު ނާޅާ ދޫކޮށްލި މައްސަލާގައި އެމްއެމްއޭއެގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އެއިރުގެ ވެރިޔާ އާތިފް ޝަކޫރު ޒިންމާ ނަގަން ޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭގެ ފައިނޭޝަން އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ލިބިފައިވާ އެސްޓީއާރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަން އެނގެން އޮންނައިރު، އެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގީ އިދާރާއަށް ފޮނުވާފައި ނުވަނީ ވަކި ފަރާތެއްގެ ނުފޫޒުން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު އޭސީސީިން މިއަދު ވަނީ އެ ތަހުގީގުގެ ރިޕޯޓު އާންމުކޮށްފަ އެވެ.
އޭސީސީން މިއަދު ނެރުނު ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ޕްރައިވެޓް ކުންފުންޏާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެފްއައިޔޫއަށް ނޮވެމްބަރު 27، 2014 ގައި ފޮނުވާފައިވާ އެސްޓީއާރު އެނެލައިޒް ކުރުމަށްފަހު، އެފްއައިޔޫއިން ޑިސެމްބަރު 31، 2014 ގައި ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓުގައިވާ ކަންތައްތައް ތަހުގީގު ކުރަން ފުލުހުންނަށް ފޮނުވަން ނިންމި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ރިޕޯޓު އޭޕްރީލް 6، 2015 ގައި ފައިނަލް ކުރުމުގައި އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ވަނީ ނިންމާފަ އެވެ. އެނަލިސިސް ރިޕޯޓުގައި ފާހަގަކުރި ކަންތައްތަކަކީ އާދަޔާ ހިލާފު ކަންތައްތަކަކަށް ވީ ނަމަވެސް މަނީ ލޯންޑަރިންގެ އެއްވެސް އަމަލެއް ނުވަތަ މަނީ ލޯންޑަރިންގެ ކުށާ ގުޅިފައިވާ ކުށެއް ކަމަށް ޝައްކު ކުރެވޭ ވަރުގެ އިންޑިކޭޝަން އެއް ލިބިފައި ނުވާ ކަމަށް އެފްއައިޔޫއިން ނިންމި އެވެ.
އެ ނިންމުމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާވެ ދިޔައިރު، އެ ކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް ނޭޅި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބިފައިވާ ކަން އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
އެފްއައިޔޫއިން ނިންމާ ނިންމުންތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ދީފައިވާތީއާއި އެފްއައިޔޫގެ އެސްއޯޕީގައި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައިވާ ހަމަ އެކަނި ފަރާތަކީ އެފްއައިޔޫގެ ވެރިޔާ ކަމަށް ވާތީ އެ ޔުނިޓުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް ޒިންމާ ވާން ޖެހޭނީ އެ ޔުނިޓުގެ ވެރިޔާ ކަމަށް އޭސީސީން ބުންޏެވެ. އެހެންކަމުން މި މައްސަލައިގެ ޒިންމާ އެފްއައިޔޫގެ އެއިރުގެ ވެރިޔާ އާތިފް ނަގަން ޖެހޭނެ ކަމަށް އޭސީސީން ބުންޏެވެ.
އެ ރިޕޯޓް އެނަލައިޒް ކުރަމުންދިޔައިރު ވެސް އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ހިންގާފައިވާ މުއާމަލާތްތަކަކީ މަނީ ލޯންޑަރިންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެފްއައިޔޫގެ ވެރިޔާއަށް އެނގޭ ކަމަށެވެ. އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމައި ފައިލް ކުރިއިރު ވެސް، އެއީ ތަހުގީގު ކުރަން ފޮނުވަން ޖެހޭ ރިޕޯޓެއް ކަން އެނގޭކަމަށް އެފްއައިޔޫގެ ވެރިޔާ އިއުތިރާފް ވެފައިވާތީ، އޭނާގެ އެ އަމަލަކީ ހެޔޮ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫންކަން އޭސީސީގެ ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށް ރިޕޯޓުގައިވެ އެވެ.
އެ ނިންމުންތައް ނިންމީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށްކަން ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގާރީނާ ލިބިފައިވާތީ އެއީ ކޮރަޕްޝަންގެ ކުށެއް އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި މައްސަލާގައި އެފްއައިޔޫގެ އެއިރު ވެރިޔާ އާތިފްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ފެބްރުއަރީ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެފްއައިޔޫގެ އެސްއޯޕީގައި އެ ޔުނިޓުން ހަދާ އެނަލިސިސް ރިޕޯޓްތަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ބާރު ދީފައިވާ ހަމަ އެކަނި ފަރާތަކީ އެފްއައިޔޫގެ ވެރިޔާ ކަމަށާއި އެނަލިސިސް ރިޕޯޓަކާއި ގުޅިގެން އަޅާނެ ފިޔަވަޅެއް ނިންމުމުގެ ގާނޫނީ ބާރު އޮންނަނީ ވެސް ވެރިޔާއަށް ކަމަށް އޭސީސީން ބުންޏެވެ. އެހެންކަމުން، އެ ރިޕޯޓާއި ގުޅިގެން އެފްއައިޔޫގެ މެނޭޖަރު ބައިވެރި ވެފައިވަނީ ހަމައެކަނި އެސްޓީއާރު އެނަލިސިސް ރިޕޯޓު ހެދުމުގައިކަމާއި އެ ކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އެފްއައިޔޫގެ ވެރިޔާ ކަމަށް އޭސީސީން ބުންޏެވެ.
އެފްއައިޔޫގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތައް
- 1. އެސްއޯއެފްއަށް 18.2 މިލިއަން ޑޮލަރު އަދި، 59.7 މިލިއަން ރުފިޔާ އާއެކު ޖުމްލަ 22.1 މިލިއަން ޑޮލަރު ޑިޕޮސިޓްކޮށްފައިވާ ކަމަށް.
- 2. އޮގަސްޓް 2014 އިން ނޮވެމްބަރު 2014 ގެ ނިޔަލަށް ތިން މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެމްއެމްޕީއާރުސީން އެސްއޯއެފްގެ އެކައުންޓަށް 5.4 މިލިއަން ޑޮލަރާއި 59.75 މިލިއަން ރުފިޔާއާއެކު ޖުމްލަ 9.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވުން.
- 3. 8 ޓްރާންސެކްޝަންއެއް މެދުވެރިކޮށް ތުހުމަތު ކުރެވޭ ކުންފުނިން ޖުމްލަ 47.5 މިލިއަން ރުފިޔާ އެ ކުންފުނީގެ ބޭންކް އެކައުންޓްތަކުން ނަގުދު ފައިސާއިން ނަގާފައިވުން.
- 4. ފައިސާގެ އެފަދަ ބޮޑެތި މުއާމަލާތްތައް ހިންގޭވަރުގެ ގާބިލިއްޔަތު ނެތްކަން އެ ކުންފުނީގެ ޓެކްސް ފައިލިން އަދި އެނުއަލް ރިޕޯޓްތަކުން އެނގޭކަން.