ވިޔަފާރި

އެފްއައިޔޫގެ މަސައްކަތަށް ގަވަރުނަރު ނަސީރު ނުފޫޒެއް ނުފޯރުވާ: އެމްއެމްއޭ

Jul 10, 2019
4

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ މަސައްކަތަށް އެއްވެސް އިރަކު ގަވަރުނަރު އަހުމަދު ނަސީރު ނުފޫޒު ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މާލިއްޔަތު ކޮމެޓީ އަށް އެފްއައިޔޫގެ ކުރީގެ ހެޑް، އަހުމަދު އަޝްރަފު ފޮނުވި ސިޓީއަކާ ގުޅިގެން އެމްއެމްއޭ އިން މިއަަދު ބުނީ އަޝްރަފު މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

މާލިއްޔަތު ކޮމެޓީ އަށް އަޝްރަފު ފޮނުވި ސިޓީގައިވަނީ ގަވަރުނަރު ނަސީރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. ގަވަރުނަރު މަނީ ލޯންޑަރިން ހުއްޓުވަން އެފްއައިޔޫ އިން ކުރި މަސައްކަތްތަކަށް ހުރަސް އެޅުއްވި ކަމަށް އަޝްރަފް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑަރިންގެ މައްސަލަތައް އެފްއައިޔޫން ފުލުހުންނަށް ރިޕޯޓް ކުރުން ނަސީރު ހުއްޓުވިކަމަށް އެ ސިޓީގައި ވަނީ ތުހުމަތުކޮށްފަ އެވެ.

މި ސިޓީއާ ގުޅިގެން، އެމްއެމްއޭ އިން މިއަދު ބުނީ އެ އޮތޯރިޓީގައި ގާއިމުކުރެވިފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަކީ، ގާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ ދަށުން މަނީލޯންޑަރިންގެ ހަރަކާތްތަކާއި، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާއި ކުށްކޮށްގެން ހޯދާ މުދަލާގުޅޭ މައުލޫމާތު ހޯދައި، ދިރާސާކޮށް، އެހެން ފަރާތްތަކަށް ފޯރުކޮށްދޭ ގައުމީ މައި އިދާރާއެއް ކަމަށެވެ.

އެ ޔުނިޓްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ގާނޫނުގައި ވަނީ ބަޔާންކޮށްފައިވާނެ އެވެ. އެކަންކަމަށް ބަލާއިރު އެ ޔުނިޓަކީ އެ ޔުނިޓަށް ލިބޭ މައުލޫމަތުތަކުގެ މައްޗަށް ބިނާކޮށް އެނެލިސިސްގެ މަސައްކަތްކުރާ އަދި ނިންމުންތައް ނިންމުގެ ފުރިހަމަ މިނިވަންކަން ލިބިދީފައިވާ ޔުނިޓެއް ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ރިޕޯޓްކުރަންޖެހޭ ފަރާތްތަކުން (މާލީ އިދާރާތަކާ އެހެންވެސް އިދާރާތަކުން)، ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހަޅަނީ، ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ސީދާ އެ ޔުނިޓަށް ކަމަށެވެ އަދި، އެ ޔުނިޓްއަށް ލިބޭ ރިޕޯޓްތަކާ ގުޅިގެން ޓެކްނިކަލް އެނެލިސިސް ހަދާ، އެ ރިޕޯޓްތަކާ ގުޅިގެން ނިންމާ ނިންމުންތައް ނިންމަނީ ސީދާ އެ ޔުނިޓުން ކަމަށާ، އެކަންކަން ނިންމުމުގައި މި އޮތޯރިޓީގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ. އަދި އެ ގާނޫނުގެ 30 ވަނަ މާއްދާގައި އެ ޔުނިޓަކީ އެ ޔުނިޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ޔުނިޓެއް ކަމަށް ބަޔާން ކޮށްފައިވާނެ ކަމަށެވެ.

މިހާރުގެ ގަވަރުނަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައި މިވަނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގައި އެފްއައިޔޫ ގެ އެއިރުގެ ވެރިޔާ އާތިފު ޝަކޫރު އިހުމާލުވެފައިވާކަމަށް އޭސީސީން ބުނެފައިވަނިކޮށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.

އެ ނިންމުން ނިންމީ އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމަށް ކަން ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި އާތިފުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ފެބްރުއަރީ މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބިގެން ޖެހޭ 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްވެރިވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ހިޔާނާތުގެ މައްސަލައާ ގުޅިގެން އެފްއައިޔޫ އިން ތައްޔާރުކުރި އެނަލިސިސް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ ކަންތައްތައް ފާހަގަކޮށްފައިވީ ނަމަވެސް އޭޕްރީލް 6، 2015 ގައި ރިޕޯޓުގައިވާ ކަންކަން ތަހުގީގީ އިދާރާއަކަށް ނުފޮނުވަން އެ ޔުނިޓުން ނިންމި އެވެ.