ރިޔާދު (ޖުލައި 2) - ސައުދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ އަބްހާ އެއާޕޯޓަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން އަނެއްކާވެސް ހަމަލާތަކެއް ދީފި އެވެ.
ފާއިތުވި ދެ ތިން ހަފްތާގެ ތެރޭގައި ދިން ތިންވަނަ ހަމަލާގައި ނުވަ މީހުން ވަނީ ޒަހަމްވެފަ އެވެ. ޒަހަމްވި މީހުންގެ ތެރޭގައި އިންޑިއާ މީހަކު ހިމެނޭކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.
ޑްރޯންތަކެއް ބޭނުންކޮށްގެން އަބްހާ އެއާޕޯޓަށް ހަމަލާއެއް ދީފައިވާނެ ކަމަށް އިރާނުން ވާގިދޭ ހޫތީ ހަނގުރާމަވެރިން، އެ ޖަމާއަތުގެ އަލްމަސީރާ ޓީވީ މެދުވެރިކޮށް ވަނީ ބުނެފަ އެވެ.
ސައުދީ އާއި އެމިރޭޓްސްއިން ގުޅިގެން ހޫތީ ހަނގުރާމަ ވެރިން ހަރަކާތްތެރިވާ ޔަމަނުގެ ހައްޖާ ޕްރޮވިންސްއަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ ދަނޑިވަޅެއްގައި ހޫތީން ސައުދީއަށް ދޭ މިސައިލާއި ޑްރޯންގެ ހަަލާތައް އެ ޖަމާއަތުން ވެސް ވަނީ އިތުރުކޮށްފަ އެވެ.
ސައުދީއާއި ޔޫއޭއީގެ ކޯލިޝަނުން ޔަމަނުގައި 2015ގެ މާޗް މަހު ހަރަކާތްތެރިވާން ފަށާފައި ވަނީ އޭރު ވެރިކަމުގައި ހުންނެވި އަބްދު-ރައްބު މަންސޫރު ހާދީގެ ވެރިކަން ހޫތީ ޖަމާއަތުން ވައްޓާލުމާއި ގުޅިގެން ނެވެ. އެއަށް ފަހު ދެ ފަރާތުގެ ކުރިމަތިލުންތަކުގައި ދިހަ ހާހުން މީހުން މަރުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށްް އެހީދޭ ޖަމާާއަތްތަކުން ހާމަކުރެ އެވެ.
ޔަމަނުގެ 24.1 މިލިއަން ރައްޔިތުންނަށް ވަނީ އެހީ ބޭނުންވެފަ އެވެ. އެއީ އެ ގައުމުގެ އާބާދީގެ ތިންބައިކުޅަ ދެބައެވެ.