ކޮލަމް

މި ޖެހޭ "ބަލީ"ގެ ހަގީގަތް ބަލަންވެއްޖެ!

މިއީ ވަރުގަދަ ކަމެކެވެ. ނުރައްކާތެރި ކަމެއް ވެސް މެއެވެ. ހަމަ ހުރެފައި ކުއްލިއަކަށް ބަލިގަނޑެއް ލައިގަންނަނީ އެވެ. މި ބަލީގެ އަލާމާތްތައް ވެސް ތަފާތުވާކަމީ އެންމެ ހައިރާން ކުރުވާ އެއް ކަމެވެ. އެންމެ ގިނައިން ފެންނަނީ މައިބަދައާ ބުރަކަށިތައް "ޕާޕަރަށް" ވާ ތަނެވެ. ފުރާނައަށް ގެއްލުންވާ ހިސާބަށް ކުއްލިއަކަށް ދަނީ އެވެ. ބުރަކަށީގެ މި ބަލި ޖެހެނީ މާފުށީ ޖަލުގައި ހުންނަ ވީއައިޕީ ބުލޮކުގައި ތިބޭ ބަޔަކަށެވެ. އެހެން ގޮޅިތަކުގައި ތިބޭ މީހުން ވެސް މި ބަލީގެ ޝިކާރައަކަށް ނުވާ ކަމެއް ނޭނގެ އެވެ.

އެ ހާއްސަ ބުލޮކުގައި މި ފެތުރޭ އާދަޔާހިލާފު ބަލީގެ އަސްލު އެނގޭ މީހަކު ނެތެވެ. ލޮލުގެ ފެނުމަށް އަސަރު ކުރުމަކީ ވެސް އެއްބައި މީހުންނަށް ތަހައްމަލު ކުރަން ޖެހޭ ކަމެކެވެ. އަކަމަކު ލޮލުގެ މައްސަލައާ ބުރަކައްޓަށް އަސަރު ކުރުމާ ގުޅުންހުރީ ކިހާ މިންވަރަކަށް ކަމެއް ޔަގީނެއް ނުވެ އެވެ. ގައިމުވެސް، މި ބަލީގެ ފަރުވާއެއް ދިވެހި ފަސްގަނޑުން ލިބޭކަށް ނެތެވެ. ދާން މި ޖެހެނީ ކޮންމެވެސް ގައުމަކަށެވެ.

ރޮއެ އާދޭސްކޮށްގެން ލިބޭ މުއްދަތުގައި ޝިފާއެއް ނުލިބެ އެވެ. ފަރުވާ ހޯދަންޖެހޭ ދުވަސްތައް އިތުރުކުރުން ލާޒިމުވެ އެވެ. އެއްބަޔަކަށް އެނބުރި ނާދެވޭ ވަރަށް ވެސް ހާލު ދެރަވެ އެވެ. ހާލު ދެރަކަމުން ފްލައިޓަށް އަރުވަން ވެސް ވަރުގަދަ އެއާލައިނުތަކުން ހަމަ ފަސްޖެހެ އެވެ.

އަދި އެހެން ކަމެއް ވެސް ފާހަގަވާން ފަށައިފި އެވެ. މި ބުނާ ޔުނިޓަށް ދާން ޖެހިދާނެ ކަމުގެ މަލަމަތި ފެނުމާއެކު ވެސް އެއް ބަޔަކަށް ބަލީގެ އަލާމާތްތަކުގެ ކުލަވަރުގެ ފާޅުވާން ފަށަ އެވެ. އެކަމަކު ނަސީބަކުން އެހާ ސީރިއަސް ހާލަތަކަށް ނުދެ އެވެ. ދެ ތިން ފަހަރަކު ހޮސްޕިޓަލުތަކުގެ ދޮރުމަތިން ކުރިކަނޑާލުމުން އޯކޭ ވާހެން ވެސް ހީވެ އެވެ.

މި ބަލިމަޑުކަން ދާދި ފަހުން މާފުށިން ފައިބައިގެން، އޭގެ ސައިޒު ދައްކަން ފަށައިފި އެވެ. އަތޮޅުގެ އެހެން ރަށަކަށް ވެސް މި ބިރުވެރިކަން ލައިގެންފި އެވެ. އެކަމަކު މުޅި އަތޮޅަށް އަސަރު ކުރިކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެ ބަލިގަނޑު އަމާޒުހިފާފައި ވަނީ ގައުމުގެ އެންމެ އާބާދީ ބޮޑު ރަށަށްކަން ޔަގީނެވެ.

މިއީ ދިރާސާ ކުރަންޖެހޭ ބޮޑުވަމުން އަންނަ މައްސަލައެކެވެ. ހުރިހާ ރައްޔިތުންގެ ސަލަމާތާއި ރައްކާތެރިކަަމުގެ މަސްލަހަތު ވެސް ހިމެނޭތީ އެވެ. ސަރުކާރުން ވެސް ލަސްނުކޮށް މިކަން ބަލަން ފަށަންޖެހެ އެވެ. ކޮމިޝަނެއް އެކުލަވާލައިގެން ވިއަސް ވަރިހަމަ އެވެ. މިހާރު ގާނޫނީ ބާރުވެސް ލިބޭނެ ނޫން ހެއްޔެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ކިތަންމެ ބޮޑު ހަރަދެއް ކުރަންވެސް ރައްޔިތުން ރުހޭނެ އެވެ.

މިކަން ތަހުގީގު ކުރާ ފަރާތަކުން މި ބަލިމަޑުކަމުގެ އަސްލާ ހަމައަށް ދިއުމުގައި މިހާތަނަށް ހާމަވެފައިވާ ބައެއް ކަންތައްތަކަށް ވިސްނާލުން ބުއްދިވެރި އެވެ. އޭރުން ރައްޔިތުން ބޭނުން ވެގެން ތިބި ޖަވާބުތައް ދެވޭނެ އެވެ.

އެންމެ މުހިންމު ކަމަކީ މިހާތަނަށް އެ ބަލީގެ ޝިކާރައަކަށްވި ނިކަމެތިންގެ ވަނަވަރުބެލުމެވެ. އެ ނަޒަރުން ބަލާއިރު އެއްގޮތްވާ ބައެއް ސިފަތަކެއް ވެސް ހާމަވެ އެވެ. ފަހަރުގައި އެއީ ބަލީގެ އަސްލު ދެނެގަތުމަށް ބެލިދާނެ މިންގަނޑެކެވެ. އޭގެ ތެރޭގައި ގިނައީ ވަކި ދާއިރާއަކަށް ނިސްބަތްވާ ފަރާތްތަކެވެ. ގައުމުގައި ބަސްވިކޭ އިއްޒަތްތެރިންގެ ލަގަބު ހޯއްދަވާފައިވާ "ނުރައްކާތެރި" ބޭފުޅުންނެވެ. އެކަމަކު އެއީ މާފުށްޓަށް ހާއްސަވާ ބައެވެ. މާލެއަށް ފެތުރުނު ފަހުން ބަލީގެ ނުރައްކާތެރި ވަކިތައް ކަންކަމުގައި މުގުރު ޖަހަން މަޝްހޫރު ދާއިރާއަކަށް ވަނީ ފުޅާވެފަ އެވެ.

އެހެންވީމާ ތަންކޮޅެއް ފުނަށްދާން މަޖުބޫރުވެ އެވެ. އެކަމަކު އެކަމުގައިވާ ވެސް ކަމާ ނުގުޅުމުގެ ފުރުސަތު ބޮޑު އެހެން ކަމެއް ވަނީ ފާހަގަވެފަ އެވެ. އެ ބަލިމަޑުކަން އަމާޒު ކުރަނީ ކޮންމެވެސް ތުހުމަތެއްގެ ހިޔަނި އެޅިފައިވާ މީހުނަށްކަން ފާހަގަ ކުރެވެ އެވެ. ހިޔާނާތަކީ އެ ބަލި މާ ގަޔާވާ ކަމެއް ކަމަށް ވެސް ބެލޭނެ ޖާގަ ލިބި އެވެ.

އާންމުން ރައްޔިތުން އެ ބަލިދެކެ ބިރުން ނޫޅެނީ އެ ސަބަބުތަކާހެދި ކަމަށްވެސް ވެދާނެ އެވެ. ބަލިގަނޑު ލައިގަންނަ ޝަރުތުތައް ގިނަ ރައްޔިތުންގެ ކިބައިން ފުރިހަމަ ނުވާތީ އެވެ. އެ ބަލީގެ ޝިކާރައަކަށް ވިއަސް ގައުމު ދޫކޮށްދެވޭނެ ގާބިލުކަން ނެތީމާ އިސްތިސްނާވެސް ވަނީ ތޯއްޗެކެވެ.

ކޮންމެ އަކަސް މި ބައްޔަކީ އަވަސް ޝިފާއެއް ބޭނުންވާ ބައްޔެކެވެ. އާބާދީގެ ބޮޑުބަޔަކަށް މިކަމުގެ ނުރައްކާ ނެތް ނަމަވެސް، ދިވެހި ރައްޔިތަކަށް ދެރަގޮތެއްވާކަށް އެއްވެސް މީހަކު ބޭނުންނުވާނެ އެވެ.