ހަބަރު

ޖިންސީ ގޯނާކުރި ދެ ކުދިން ބަޔާން ނަގަން މާލެ ގެނެސްފި

މެދު އަތޮޅުތަކުގެ ރަށެއްގައި ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަައިގައި އެ ދެ ކުދިން ބަޔާން ނަގަން ކުދިން މާލެ ގެނެސްފި އެވެ.

"އަވަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ކުދިންނަށް ވެސް ޖިންސީ ގޯނާ ކޮށްފައިވަނީ ދެ ކުދިންގެ އާއިލާގެ މީހެކެވެ. ދެ ކުދިންގެ އާއިލާއިންވެސް މި މައްސަލަ ހުށަހަޅަން ބޭނުން ނުވާ ކަމަށް ވަނީ އެނގިފައި އެވެ. ނަމަވެސް، އެތަނުން އެއް ކުއްޖެއްގެ އާއިލާގެ މެންބަރަކު ވަނީ މި މައްސަލަ ޖެންޑާ މިނިސްޓްރީއަށް މިދިއަ ބުދަ ދުވަހު ހުށަހަޅާފައި އެވެ

އެނގިފައިވާ ގޮތުގައި އާދީއްތަ ދެ ކުދިން މާލެ ގެނައީ ދެ ކުދިން ޑޮކްޓަރަށް ދެއްކުމަށާއި އެ މައްސަލައިގައި ބަޔާން ނެގުމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާުވީ، ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މި މައްސަލަ ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މި ވަގުތު އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ކުޑަ ދެ ކުއްޖަކާ ބެހުނު މި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ އަންގާރަ ވިދާޅުވީ، ދެ ކުދިން ވެސް މިހާރު ތިބީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ.

ނަމަވެސް، އެތަނުން އެއް ކުއްޖެއްގެ އާއިލާ މެމްބަރަކު "އަވަސް" އަށް ބުނީ އެ ކުދިން ރަށުން ފުރުމުގެ ކުރިން އެ ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ޖެންޑާ މިނިސްޓްރީ އަށް މީގެ ކުރިން ގުޅުމުން ބުނީ އެ މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު އެނގޭނީ ފުލުހުންނަށް ކަމަށާއި މިނިސްޓްރީން މައުލޫމާތު ދެވެން ނެތް ކަމަށެވެ،

ކުޑަ ދެ ކުދިންނާއި ބެހޭ މައްސަލަތަކުގައި އެކި ފަހަރު މަތިން ޖެންޑާ މިނިސްޓްރީ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.