ސީލައިފް ފްލެޓަކަށް ފައިސާ ދެއްކި މީހަކަށް ފައިސާ އަނބުރާދޭން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ހުޅުމާލޭގައި ސީލައިފް ގްލޯބަލްއިން އިމާރާތް ކުރާނެ ކަމަށް އިއުލާންކޮށް މައުލޫމާތު އާންމުކުރި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީއާއި، އެ ފައިސާ އަނބުރާ ހޯދުމަށާއި، ގެއްލުމުގެ ބަދަލު ހޯދަން އެތައް ފަރާތަކުން ވަނީ އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
އޭގެ ތެރެއިން އެއް މައްސަލައެއްގައި ސިވިލްކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، ދައުވާ ކުރި ފަރާތުން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ ތެރެއިން ޑައުންޕޭމަންޓްގެ ގޮތުގައި ދައްކާފައިވާ 450,000 ރ. އަކީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމީހާއަށް ދޭންޖެހޭ ފައިސާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ދަޢުވާލިބޭ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ އިއުތިރާފުން އެނގެން އޮންނަ ކަމަށެވެ.
އެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ޑައުންޕޭމަންޓްގެ ގޮތުގައި ދައުވާ ކުރި ފަރާތުން ދައްކާފައިވާ 450,000 ރ. އަކީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އޭނާ އަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަން ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި 1 ޖުލައި 2019 އިން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސްކުރުމަށް ދައުވާލިބޭ ސީލައިފް ގްލޯބަލް މައްޗަށް އަންގާ ހުކުމް ކުރާ ކަމަށެވެ.
މީގެ އިތުރުން އެއްބަސްވުމާއި އެއްގޮތަށް އެޕާރޓްމަންޓް ހަވާލުކުރަންޖެހޭ ތާރީހުގައި ހަވާލުކޮށްފައިނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 210,000 ރ. ހޯދުމަށް ދައުވާކުރާފަރާތުން އެދިފައިވީނަމަވެސް، އެއަދަދުގެ ގެއްލުމެއް ލިބިފައިވާކަން ޝަރީއަތަށް ސާބިތުކޮށްދީފައިނުވާތީ، އެއަދަދަކީ ދައުވާކުރާ ފަރާތުން އެދިފައިވާގޮތަށް ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް އެ ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.
ސީލައިފް ކުންފުނިން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 300 އެޕާޓްމަންޓް ގަންނަން 280 މީހެއްގެ އަތުން ވަނީ ބުކިން ފީގެ ގޮތުގައި ލާރި ނަގާފަ އެވެ. އަދި އެމަޝްރޫއު ހުއްޓިފައިވާއިރު، އެ ފައިސާ އަނބުރާ އެ ފަރާތްތަކަށް ލިބިފައެއްނުވެ އެވެ. އެމައްސަލައާއި ގުޅިގެން ސީލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އަންމަޓީ) ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑް ނޯޓިސްވެސް ނެރެފައެވެ. އެހެން ނަމަވެސް މިއަދާ ހަމަޔަށްވެސް އޭނާ ފިލައިގެން އުޅޭތަން ހޯދިފައެއް ނުވެއެވެ.