ޑިފެންސް މިނިސްޓްރީ

ގިނަ ދާއިރާތަކަކުން ސިފައިންގެ ވަޒީފާއަށް ހުޅުވާލައިފި

ގިނަ އަދަދެއްގެ ދާއިރާއަށް ބޭނުންވާ ސިފައިން ހޯދަން ޑިފެންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ، ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާފައިވަނީ 10 ދާއިރާއަކުން ކަމަށެވެ.

އެ 10 ދާއިރާއަކީ، މެރިންކޯ، ސްޕެޝަލް ފޯސަސް، ފަޔާ އެންޑް ރެސްކިއު ސާވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާޑް، މިލިޓަރީ ޕޮލިސް، މެޑިކަލް ސާވިސް، މިލިޓަރީ އިންޖީނިއާސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖީނިއާސްގެ އަދި ސަޕޯޓް ސާވިސް އަށެވެ.

އިއުލާނުގައި ވާގޮތުން ސިފައިންގެއަށް ވަންނަން ބޭނުންވާ ފަރާތަކީ ދިވެއްސަކަށް ވާން ޖެހެ އެވެ. އަދި ޖީސީއީ އޯލެވެސް ފެންވަރު ނުވަތަ އެފެންވަރުގެ ވޮކެޝަނަލް ސެޓްފިކެޓެއް އޮންނަންވާނެ އެވެ. އަދި 18 އަހަރު ފުރިފައިވާ ފަރާތަކަށްވެސް ވާން ޖެހެ އެވެ.

މީގެ އިތުރުންވެސް ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތު ރަނގަޅު މީހަކަށްވެސް ވާން ޖެހެ އެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ކުށުގެ ރިކޯޑް އޮތް މީހަކަށް ވެގެން ނުވާނެ އިރު ވަޒީފާއަށް ކުރިމަތިލަނީ ފިރިހެނެއް ނަމަށް އިސްކޮޅުގައި ފަސް ފޫޓް ފަސް އިންޗި ހުންނަން ޖެހެ އެވެ. އަންހެނެއްނަމަ ފަސް ފޫޓް ތިން އިންޗި ހުންނަން ޖެހެ އެވެ.

ސިފައިންގެ ވާޒިފާއަށް ވަންނަން ބޭނުންވާ ފޯމާއި ކުށުގެ ރިކޯޑް ޗެކްކުރާ ފޯމް ސިފައިންގެ ގެއިން ލިބެން ހުންނާނެ އެވެ. މިފޯމް ސިފައިންގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެ އެވެ. ސިފައިންގެ ވަޒީފާއަށް ވަނުމުގެ މުއްދަތު ހަމަވާނީ މިމަހު 31 ވަނަ ދުވަހު އެވެ.