ހަބަރު

ތިން ރަށެއްގެ ބަނދަރު ހަދަން ހަވާލުކޮށްފި

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ބ. ފެހެންދޫ، ފުޅަދޫ، އަދި ށ. ފީވަކުގެ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއި ކޮށްފި އެވެ.

މަޝްރޫއުގައި ސޮއި ކުރީ ޕްލޭނިން މިނިސްޓްރީ އިން ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. ތިން ރަށުގެ މަޝްރޫއު ވެސް ހަވާލުކުރީ އެމްޓީސީސީ އާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއު 49.6 މިލިއަން ރުފިޔާ އަށް އެއް އަހަރު ދުވަހުގެ މުއްދަތައް އެމްޓީސީސީއާ ހަވާލުކުރި އިރު އެ އަތޮޅު ފުޅަދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރީ 48.2 މިލިއަން ރުފިޔާ އަށް 390 ދުވަހަށެވެ. އަދި ފީވަކުގެ ބަނދަރު ހެދުމުގެ މަސައްކަތަށް ހަރަދު ކުރީ 69.3 މިލިއަން ރުފިޔާ އަށް 390 ދުވަހުގެ މުއްދަތަށެވެ.

ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގު ވިދާޅުވީ، ފީވަކުގައި ބަނދަރު ހެދުމުގެ ހަރަދު ބޮޑުވީ އެ ރަށުގައި މިހާރު ހަދާފައިވާ ބަނދަރު ބޮޑު ކުރަން ޖެހުމުން ކަމަށެވެ.

މިއަދު ހަވާލު ކުރެވުނު ތިން ބަނދަރަކީ ވެސް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ މަޝްރޫއުތަކެކެވެ.