ހަބަރު

ބާ ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

Jul 2, 2019
10

މިމަހު 13 ވަނަ ދުވަހު ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމުކޮށް އެ ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.

އެގޮތުން، އީސީން މިއަދު އާންމުކުރި ލިސްޓުގައި ޖުމްލަ 1،487 މީހުންގެ ނަން ވަނީ ހިމަނައިފަ އެވެ. އީސީން އިތުރަށް ބުނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މިމަހު 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސްކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމުގެ އިތުރުން މެމްބަރުގެ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މިމަހު ފަސް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާ ފަރާތަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި 10 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ވާން ޖެހޭނެ ކަމަށް އީސީން ބުންޏެވެ. އަދި ވަކީލެއްގެ ގޮތުގައި ކުރައްވާފައިވާ މަސައްކަތުގެ ތެރެއިން އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ އެއްވެސް މައްސަލަ ކޯޓުގައި އޮވެގެން ނުވާނެ އެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ބަގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އީސީން ބުންޏެވެ.

ކައުންސިލްގެ ނައިބު ރައީސް އަދި މެމްބަރުގެ މަގާމަށް ކުރިމަތިލާ ފަރާތަކީވެސް ގާނޫނީ ވަކީލަކަށް ވާން ޖެހެ އެވެ. އެގޮތުން އެ ފަރާތަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި ވަކީލެއްގެ ގޮތުގައި ކުރައްވާފައިވާ މަސައްކަތުގެ ތެރެއިން އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ އެއްވެސް މައްސަލަ ކޯޓުގައި އޮވެގެން ނުވާނެ އެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ބަގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އީސީން ބުންޏެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2019 ޖުލައި 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ތިރީސް މިނުޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2019 ޖުލައި 14 ވާ އާދީއްތަ ދުވަހުގައެވެ.

ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، ބާ ކައުންސިލްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބާ ކައުންސިލްގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ. މިބިލް މަޖިލީހަށް ހުށަހެޅީ ސަރުކާރު ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.