ބާ ކައުންސިލް

ފުރިހަމަ ނޫން ލިސްޓެއް ނެރުނީ ޝަކުވާއަށް ފުރުސަތު ދޭން: އީސީ

ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރަން އުފެއްދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ފުރިހަމަ ނުކޮށް ހުށަހެޅީ ވީހާ އަވަހަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓް ލެވޭ މީހުންގެ ލިސްޓް އީސީން މިރޭ އާއްމު ކުރި އިރު އައިޑީ ކާޑު ނަމްބަރު ނުހިމެނޭ އަށް ނަމެއް އެބަ އޮތެވެ. އެ މައްސަލައާއި ގުޅިގެން ގިނަ ފަރާތްތަކުން ދަނީ ކަންބޮނޑުވުން ފާޅު ކުރަމުންނެވެ.

އީސީގެ ތަރުޖަމާނު އަހުމަދު އަކްރަމް އަވަސް އަށް މިރޭ ވިދާޅުވީ، އީސީން އާއްމުކޮށްފައިވާ ލިސްޓަކީ ސުޕްރީމް ކޯޓުން ދީފައިވާ ލިސްޓެއް ކަމަށެވެ. އަދި އެ ލިސްޓުގައި ހުރި އައިޑީ ކާޑު ނަމްބަރު ނެތް ނަންތަކުގެ މައުލޫމާތު ހޯދަން އީސީން މަަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ނެތް ކަމަށް ސުޕްރީމް ކޯޓު އީސީއަށް އަންގާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާއްމުކުރި ލިސްޓުގައި މައުލޫމާތު ފުރިހަމަނުވެ ހުރުމަކީ މައްސަލައެއް ނޫން ކަމަށާއި އީސީން އެ ލިސްޓް އާއްމުކުރީ ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދިނުމުގައި ބޭނުމުގައި ކަމަަށެވެ. އަދި ބާ ކައުންސިލްގެ އިންތިހާބު ކުރިއަށް ގެންދަނީ މައުލޫމާތު ފުރިހަމަވެފައިވާ ސައްހަ ވޯޓާސް ލިސްޓަކާއެކުގައި ކަމަށްވެސް ވިދާޅުވި އެވެ.

އީސީން މިއަދު އާންމުކުރި ލިސްޓުގައި 1،487 މީހެއްގެ ނަން ހިމަނައިފައި ވެއެވެ. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.