ހަބަރު

ބާ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުން މިމަހު 28 ގައި

ބާ ކައުންސިލުގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުން މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އީސީގެ އިސް ތަރުޖަމާން އަދި އެކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ބާ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމާ ގުޅޭގޮތުން ބާ ކައުންސިލްގެ މެންބަރުންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ބައްދަލްވުމުގައި ބާ ކައުންސިލްގެ ބައި އިލެކްޝަންގައި، އިލެކްޝަންސް ކޮމިޝަންގެ ދައުރާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބާ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރަނީ، ކުރިން އެ ކައުންސިލްގައި މެންބަރެއްގެ ގޮތުގައި ހުންނެވި އައިޝާ ސުޖޫން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބޭއްވި ބާ ކައުންސިލް އިންތިހާބުގައި މެންބަރު ކަމަށް އިންތިހާބުވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒާއި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައިމާއި، އެމްޑީޕީގެ ސެކްރެޓްރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރާއި މުހައްމަދު ފައިސަލާއި މުހައްމަދު އަސީލް ހަސަން ހިމެނެ އެވެ.

ބާ ކައުންސިލްގެ ރައީސަކީ ގާނޫނީ ވަކީލް މައުމޫން ހަމީދެވެ. އެ ކައުންސިލްގެ ނާއިބް ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.

ގާނޫނު ބުނާ ގޮތުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިހާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެގްޒެކެޓިވް ކޮމެޓީގެ ދައުރަކީ ތިން އަހަރެވެ.