މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ބާ އިމާރާތްތައް ރިޕޯޓު ކުރޭ، ފިޔަވަޅު އަޅާނަން: ޕްލޭނިން

މާލޭގައި އިމާރާތެއް ނުރައްކާތެރި ގޮތަކަށް ނުވަތަށް ބާވެފައި ހުރިނަމަ ޕްލޭނިން މިނިސްޓްރީއަށް ރިޕޯޓް ކުރުމަށް އެ މިނިސްޓްރީން އެދިއްޖެ އެވެ.

ޕްލޭނިން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިމާރާތްތަށް ބާވުމުގެ ސަބަބުން މާލޭގައި ދާދިފަހުން ނުރައްކާތެރި ހާދިސާތައް ހިނގައިފައިވާ ކަމަށެވެ. އެހެންކަމުން ބާ ވެފައިވާ ނުވަތަ ނުރައްކާތެރި ގޮތަކަށް ހުރި އިމާރާތެއްގެ މައްސަލަ މިނިސްޓިރީއަށް ރިޕޯޓް ކުރުމުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އިމާރާތެއްގެ މައްސަލަ ޕްލޭނިން އަށް ރިޕޯޓް ކުރާއިރު އެތަނެއްގެ ފޮޓޯ ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ. އެގޮތުން އީމެއިލް އަދި ސިޓީ މެދުވެރިކޮށް ފޮޓޯ ހުށަހެޅޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

މައްސަލަ ހުށަހަޅާ ނުވަތަ ރިޕޯޓް ކުރާ ތަނަކީ ރައްކާތެރި ތަނެއްތޯ ނޫންތޯ މިނިސްޓްރީން ބަލައި ކަނޑައަޅާނެ އެވެ. އަދި އެތަނަކީ ރައްކާތެރި ނޫން ތަނެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ، އޭގެ ސަބަބުތައް ކިޔައިދީ އެކަންކަން ރަނގަޅު ކުރުމަށާއި އެ ތަން ބޭނުން ނުކުރުމަށް އިމާރާތުގެ ވެރިފަރާތަށް އަންގާނެ އެވެ. އަދި އެތަނަކީ ނުރައްކާތެރި ތަނެއްކަން އަންގައިދޭ ބޯޑެއް ހަރުކުރާނެ އެވެ.

ޕްލޭނިން އިން ބުނިގޮތުގައި ތަން މަރާމާތު ކުރުމަށް ނުވަތަ ބޭނުން ނުކުރުމަށް އަންގާފައިވަނިކޮށް، އިމާރާތް ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިއްޖެ ނަމަ އޭގެ ތަނުގެ ވެރި ފަރާތުން ނަގަން ޖެހޭނެ އެވެ. އަދި އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ކަނޑައި އަޅައި، އެކަން ރަނގަޅު ކުރުމަށް އެންގުމުން ވެސް އެކަން ނުކޮށްފިނަމަ ކޯޓު އަމުރެއްގެ ދަށުން، މިނިސްޓްރީން ނުވަތަ ކައުންސިލުން އެތަނަކަށް ވަދެ ރަނގަޅު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ

ނުރައްކާތެރި ގޮތަކަށް ހުރި ތަނެއްގެ ގޮތުގައި ބަލަނީ

  • އިމާރާތަކަށް ނުވަތަ ތަނަކަށް އަރުވާފައި ހުރި ބަރުދަނެއްގެ ސަބަބުން
  • އިމާރާތް ކުރުމުގެ މަސައްކަތުގެ ފެންވަރު ދަށްވުމުން
  • ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެ ފަދަ ގޮތަކަށް އިމާރާތްކޮށްފައިވާ ތަނަކަށް ވުން
  • ދިމާވާ ހާދިސާއެއްގެ ސަބަބުން
  • އިމާރާތެއް ނުވަތަ ތަނެއް ގިނަ ދުވަސްވެ ބާވުމުންް

ޕްލޭނިން މިނިސްޓްރީން ބާ ނުވަތަ ނުރައްކާތެރި އިމާރާތްތަށް ރިޕޯޓް ކުރަން އެންގިއިރު މިދިޔަ މަހު ގެއެއްގެ ބެލްކަނީ ވެއްޓި ވަނީ ބަޔަކަށް އަނިޔާވެފަ އެވެ.