ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ އެނބުރި މާލެ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނަށް ސިންގަޕޫރު ސަރުކާރުން ވަނީ ވަރަށް ހޫނު މަރުޙަބާ އެއް ވިދާޅުވެފަ އެވެ. އަދި އެ ގައުމުގެ ރައީސް ހަލީމާ ޔައުގޫބު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ފުރަމާނަ ޖާފަތެއް ދެއްވާފަ އެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ދެ އެއްބަސްވުމެއްގައި ވަނީ ސޮއި ކުރި އެވެ.
ރައީސް ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ ރައީސް ހަލީމާ ޔައުގޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގަ އާއި ވަކިވަކީން ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާފަ އެވެ. މީގެ އިތުރުން ސިންގަޕޫރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ރައީސް ބައްދަލުކުރައްވައި ހާލު ބައްލަވައިލެއްވި އެވެ.