ދުނިޔެ

ޗައިނާގެ މިސައިލް ޓެސްޓުން މަސްލަހަތަށް ބުރޫއަރާ: އެމެރިކާ

ޗައިނާއިން އެ ގައުމުގެ ދެކުނުގެ ކަނޑުގެ ސަރަހައްދުގައި ކުރަމުންދާ މިސައިޓް ޓެސްޓްތަކުގެ ސަބަބުން އެމެރިކާ އާއި ޗައިނާގެ މަސްލަހަތަށް ބުރޫ އަރާ ކަމަށް އެމެރިކާގެ ޕެންޓަގަން އިން ބުނެފި އެވެ.

ޕެންޓަގަންގެ ސްޕޯކްސްޕާސަން، ލެފްޓިނެޓް ކާނަލް ޑޭވް އީސްޓަބާން ވިދާޅުވީ، ޗައިނާ އާއި އެމެރިކާއި ދެމެދު ހަދާފައިވާ އެއްބަސްވުމަށް ބަލާއިރު، މިސައިލް ޓެސްޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ޗައިނާއިން މިސައިލް ޓެސްޓް ކުރަމުންދާ ބޭނުން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ފާއިތުވި ހަފުތާ ތެރޭގައި ކުރި ހުރިހާ މިސައިލް ޓެސްޓްތަކުގެ މައުލޫމާތު ވެސް އެ ގައުމަށް އެނގޭ ކަމަށެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޗައިނާއިން ޓެސްޓް ކޮށްފައިވަނީ އެންޓި ޝިޕް ބެލެސްޓިކް މިސައިލެވެ.

"އަހަރުމެންނަށް ވަރަށް ރަނގަޅަށް އެނގޭ ޗައިނާގެ ދެކުނު ކަނޑުގައި ހަދަމުންދާ އަސްކަރީ ބޭސް ކައިރީ މިސައިލް ޓެސްޓް ކުރަމުންދާކަން" ޑޭވް އީސްޓަބާން ވިދާޅުވި އެވެ.

މިސައިޓް ޓެސްޓް ކުރި ސަރަހައްދުގައި ޗައިނާއިން ދަނީ އަސްކަރީ ބޭހެއްވެސް ހަދަމުންނެވެ. އެމެރިކާއިން އިތުރަށް ބުނީ، މިސައިލްތައް ލޯންޗު ކޮށްފައިވަނީ އެ ބޭހުން ކަމަށެވެ. އަދި މިއީ އެ ސަރަހައްދުން ދަތުރުކުރާ ބޯޓުތަކަށް ހުރި ނުރައްކަލެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އެ އަސްކަރީ ބޭހަކީ އެސަރަހައްދުގެ އެހެން ގައުމުތަކަށް ޗައިނާއިން އަތްގަދަ ކުރުމުގެ ބޭނުމުގައި ހަދާފައިވާ މަރުކަޒެކެވެ.

ދެކުނު ޗައިނާގެ ކަނޑަކީ އެމެރިކާ އާއި ޗައިނާ މެދުގައި އުފެދިފައިވާ ވިޔަފާރި ހަގުރާމާއިގެ މައި ޕޮއިންޓެކެވެ. މި ސަރަހައްދަކީ ބައެއް ފަހަރު އެމެރިކާގެ ވައިގެ އަސްކަރިއްޔާއިން ތަމްރީނުތަކަށް ވެސް ބޭނުން ކުރަމުންދާ ސަރަހައްދެކެވެ. އަދި މިއީ ޗައިނާގެ މުދާ އެހެން ގައުމުތަކަށް ފޮނުވުމަށް ބޭނުންކުރާ ވެސް މައި ސަރަހައްދަކެވެ. މި ސަރަހައްދުން އަހަރަކު ފަސް ޓްރިލިއަން ޑޮލަރުގެ މުދަލުގެ މުއާމަލާތް ހިނގައެވެ.

މިސައިލް ޓެސްޓް ކުރި މައްސަލައިގައި ޗައިނާއިން ބުނީ، މިސައިލްތަށް ޓެސްޓް ކުރީ އެ ސަރަހައްދުން ދަތުރު ކުރުން މަނާ ކުރުމަށް ފަހުގައި ކަމަށެވެ.