ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މުހައްމަދު އުމަރު މަނިކު ފައުންޑޭޝަނާއި ފިޝަރީޒް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ދިމާވެފައި ގިނަ ގޮންޖެހުންތަކަކަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
އެއްބަސްވުމުގެ މަގުސަދުތައް
- ދަނޑުވެރިކަމަކީ ރާއްޖޭގެ ތިމާވެއްޓަށް ވީހާވެސް ގެއްލުން ކުޑަވާނެހެން ކުރާ މަސައްކަތްތަކަށް ހެދުން
- ދަނޑުވެރިކަމުގައި ބޭނުން ކުރަމުން ގެންދާ ގުދުރަތީ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުން
- ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރާގޮތުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން
- ދަނޑުވެރިކަމުގެ މަސައްކަތުން އުފައްދާ ތަކެއްޗަކީ އިންސާނުން ކެއިންބުއިމަށް ރައްކާތެރި ތަކެތިކަމަށް ހެދުން
- ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުން
- ދަނޑުވެރިކަމުގެ މަސައްކަތުން ހޯދާ ނަފާ އިތުރުވާނެ މަގުތައް ފަހިކޮށްދީ، ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުން
- ދިވެހިރުކަށާއި އަލަދަނޑުތަކަށް ދިމާވެފައިވާ މައްސަލަތައް ކޮންޓްރޯލް ކުރަން މިނިސްޓްރީން ކުރާ މަސައްކަތްތަކަށް އެހީތެރިވުން
މިނިސްޓްރީން ބުނީ، އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ އެކި ދާއިރާތަކުން ރާއްޖެއިން ބޭރުން ބެޗެލާސް ޑިގްރީ ހާސިލްކުރުން ތިން ސްކޮލަޝިޕާއި ހަ ބޭފުޅަކަށް ރާއްޖެއިން ބޭރުން ފީލްޑް އޮފިސަރުންގެ ގޮތުގައި ތަމްރީނު ކުރުން ހިމެނޭ ކަމަށެވެ. އަދި ދަނޑުވެރިކަމުގައި ދިމާވާ އެކިއެކި ބަލިތަކާއި ރުކުމަޑީގެ ބާވަތްތައް ދެނެގަނެ އެބަލިތައް ތަހުލީލު ކުރުމާއި ޕެރަސައިޓް ބްރީޑް ކުރަން ލެބޯޓްރީއެއް ގާއިމް ކުރުން ހިމެނޭ ކަމަށެވެ.