ފެބްރުއަރީ 7، 2012 އާއި ފެބްރުއަރީ 8، 2012 ގައި ހިނގި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސުވާލު ކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން މިއަދު ހުށަހަޅައިފި އެވެ.
މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
ޖާބިރުގެ ހުށަހެޅުއްވުމުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ކުރީ ރޭގައި ޣައިރު ގާނޫނީ އަމުރު ކުރާ ކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަން ނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލު ނުވެ ހަމަނުޖެހުންތައް ހިނގި ކަމަށެވެ.
އަދި ޖެހިގެން އައި ދުވަހު ބަޔަކު މީހުން ނުކުމެ މާލެއާއި ބައެއް ރަށްރަށުގެ ފުލުސް ސްޓޭޝަންތަކާއި ދައުލަތުގެ އެހެން އިމާރާތްތަކާ މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފެބްރުއަރީ 7، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުންތަކަށްފަހު ރައީސް ކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ. އޭގެ އަނެއް ދުވަހު އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ ކުރި މުޒާހަރާގައި ވެސް ހަމަނުޖެހުންތައް ހިނގައި ބައެއް މީހުންނަށާއި މުދަލަށް ގެއްލުން ދީފައެވެ.
އެ ހަމަނުޖެހުންތަކަށް ރިއާޔަތްކޮށް، މިނިސްޓަރު އިމްރާނާ ޖާބިރު ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ސުވާލު ކަމަށް ހުށަހެޅުއްވުމުގައި ހިމަނުއްވާފައި ވަނީ މިފަދަ ކަމެއް ފުލުހުންގެ ތެރޭގައި ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލުތަކަކީ ކޮބައި ކަމާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައި ކަމެވެ.
މިނިސްޓަރު އިމްރާން ހާޒިރު ކުރަން ޖާބިރު ހުށަހަޅުއްވާފައިވާއިރު، މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ނުގެނެސް ފުލުހުން ޕާކިން ސްޓިކާ ޖަހަމުންދާ މައްސަލައާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރު ކުރަން ވެސް ޖާބިރު ވަނީ ހުށަހަޅުއްވާފަ އެވެ.