ހަބަރު

މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީފި

ރާއްޖޭގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައިފި އެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގައި ވާހަކަ ދައްކަވަމުން ސީއީއޯ ހުސެއިން އަމްރު ވިދާޅުވީ، މަސްވެރިންނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާ ނިމިފައިވާ ކަމަށެވެ. މަސްވެރިންނަށް ދައްކަންޖެހޭ އިތުރު ފައިސާއެއް މިހާރުނެތް ކަމަށެވެ.

މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބުމުގެ ޝަކުވާއަކީ މަސްވެރިން އަބަދުވެސް ކުރާ ޝަކުވާ އެކެވެ. އެ މައްސަލަ ހައްލު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވަނީ ދެ ފަހަރެއްގެ މަތިން މިފްކޯއަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އޭގެ ފަހުން މި ސަރުކާރުންވެސް ވަނީ ދެ ފަހަރެއްގެ މަތިން މަސްވެރިންނަށް ފައިސާ ހަވާލުކޮށްފަ އެވެ. އެގޮތުން 15 މިލިއަން ރުފިޔާ މިދިޔަ އަހަރު އޮކްޓޯބަރު މަހު މަސްވެރިންނަށް ހަވާލުކޮށްފައިވާއިރު، މިދިޔަ މާރިޗް މަހު މަސްވެރިން ބާނާފައިވާ މަހުގެ އަގަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޮނުވާފަ އެވެ.