ހަބަރު

ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާގެ މައްސަލަ ނުބަލަން ނިންމައިފި

Jul 3, 2019
7

ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދާ ބެހޭގޮތުން ހުށަހެޅިފައިވާ ޝަކުވާއެއް ނުބަލަން ނިންމާފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނެފި އެވެ.

މިއަދު އެ ކޮމިޝަނުގެ މެންބަރުންގެ ބައްދަލުވުމުގައި ހުޒެއިފާގެ މައްސަލަ ނުބަލަން ނިންމީ މިހާރު އެ ކޮމިޝަނުން ތަހުގީގު ކުރަންމުންދާ އެ ކޯޓުގެ އެހެން ގާޒީއެއްގެ މައްސަލައަކާ ގުޅިގެން ހުށަހެޅުނު އެ ޝަކުވާގައި އެއްވެސް އަސާސެއްނެތް ކަމަށް ތަހުގީގު ކުރާ ކޮމިޓީން ބުނެފައިވާތީކަމަށް ޖޭއެސްސީން ބުންޏެވެ.

އަދި ހުޒެއިފާއާ ދެކޮޅަށް އެ ޝަކުވާ ހުށަހެޅި ފަރާތަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއްކަމަށްވާތީ، އެ މައްސަލަ ހިނގާފައިވާ ގޮތުން ގާޒީ ހުޒެއިފާގެ މައްސަލައެއް އޮތްކަމަށް މެންބަރުންނަށް ނުފެންނަކަމަށް ނިންމާފައިވާކަމަށް ވެސް އެ ކޮމިޝަނުން އިތުރަށް ބުންޏެވެ.

ގާޒީ ހުޒެއިފާގެ ޝަކުވާ ނުބަލަން ނިންމާފައިވަނީ، ގިނަ ފަނޑިޔާރުންތަކެއް ސުލޫކީ މައްސަލަތައް ޖޭއެސްސީން ބަލަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީ އިން ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެ އެވެ. ނަމަވެސް އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގި އެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް ފަނޑިޔާރުގެ ސަސްޕެންޝަން ދަމަހައްޓާފަ އެވެ.