ހަބަރު

ދީދީ އާގުޅޭ އަމުރު ގަބޫލު ނުކުރަން ނިންމި ޖަލްސާގެ ޔައުމިއްޔާ ޕީއެންސީއަށް ނުދިން

Jul 3, 2019
4

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރު ކުރި ކުރުން ގަބޫލު ނުކުރަން ޖޭއެސްސީއިން ނިންމި ބައްދަލުވުމުގެ ޔައުމިއްޔާ އިދިކޮޅު ކޮންގްރެސް ޕާޓީން ނުދޭން ނިންމައިފި އެވެ.

މިދިއަ މަހުގެ 13 ވަނަ ދުވަހު ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާގެ އިތުރުން އޯޑިއޯ ރެކޯޑިންގް ހޯދުމަށް ޕީއެންސީން ވަނީ އެދިފަ އެވެ. ނަމަވެސް، މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ޕީއެންސީން އެދިފައިވާ މައުލޫމާތުތަކުގައި ފަނޑިޔާރުން ޒާތީ މައުލޫމާތު ހިމެނުމުގެ އިތުރުން، އެ ޕާޓީއަކީ ގާނޫނީ ގޮތުން އެ މައުލޫމާތު ދިނުމަށް ބަޔާންކޮށްފައިވާ ފަރާތަކަށްނުވާތީ އެ މައުލޫމާތު ހިއްސާ ނުކުރަން ވަނީ ނިންމައިފަ އެވެ.

އެ ދުވަހު ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ތަންފީޒުވަމުންދާ، ދެމިއޮތް ނިންމުމެއް ކަމަށް ވަނީ ނިންމައިފަ އެވެ. އެކަން ފާސްކޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބިއްޔަތުންނެވެ.