ހަބަރު

މަސް ނިމުމުގެ ކުރިން ހުޅުމާލެ ބީޗް ސަރަހައްދު ހުސް ކުރަން އަންގައިފި

ހުޅުމާލޭގެ ބީޗު ފްރޮންޓް ސަރަހައްދުގައި ހުރި ގޮނޑިތަކާއި ހަޓުތައް މި މަސް ނިމުމުގެ ކުރިން ނެގުމަށް އަނެއްކާވެސް އެޗްޑީސީން އަންގައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންނުން މިއަދު ބުނެފައިވަނީ ދެވަނަ ފިޔަވަހީގެ ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރަމުންދާތީ އެ ސަރަހައްދު ހުސް ކުރަން ޖެހޭ ކަމަށެވެ. އަދި، މި މަހުގެ ނިޔަލަށް އެ ސަރަހައްދު އެއްކޮށް ހުސް ކުރަން ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ނޯޓިސް ފޮނުވަމުން ދާ ކަމަށްވެސް އެޗްޑީސީން މިއަދު ކުރި ޓްވީޓުގައި ބުނެ އެވެ.

އެ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ، ބީޗް ސަރަހައްދުގައި ނަރުދަމާގެ މަސައްކަތް ކުރުމަށްފަހު އަލުން ތަރައްގީ ކޮށް އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.

އާއްމު ސަރަހައްދެއްގެ ގޮތުގައި އޮތް، ހުޅުމާލެ ބީޗުގައި ގޮނޑިއާއި ހަޓް ޖަހައިގެން ވިޔަފާރި ކުރަމުންދާތީ އެ ތަންތަން ނެގުމަށް އެޗްޑީސީން ވަނީ މި އަހަރު ކުރީކޮޅު އަންގާފަ އެވެ. އެހެންނަމަވެސް، ބީޗު ހުސްކުރަން އާންމުކޮށް އެންގުމުން ވެސް އެތަން ހުސްނުކޮށް ގިނަ ފަރާތްތަކުން ދިޔައީ ވިޔަފާރި ކުރަމުންނެވެ. އަދި، ބައެއް ގޮނޑިތަކާއި މޭޒުތައް ނެގި ފަހުންވެސް އެ ސަރަހައްދުގައި ވިޔަފާރި ކުރެ އެވެ.