ހަބަރު

ތަހުގީގު ކޮމިޓީތަކުގައި ޖޭއެސްސީ މެންބަރުން ނޫން ފަރާތްތައް ހިމަނަނީ

Jul 3, 2019
1

ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލާ ތަހުގީގު ކޮމިޓީތަކަށް އެ ކޮމިޝަނުގެ މެންބަރުން ނޫން ފަރާތްތައް ހިމަނަން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ތަހުގީގު ކޮމިޓީތަކަށް އެ ކޮމިޝަނުގެ މެންބަރުން ނޫން ފަރާތްތައް ހިމަނަން މެންބަރުން ނިންމާފައިވާކަމަށް އެ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

އަދި އެ ފަރާތްތަކުގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކާއި، އެ ޝަރުތުތައް ހަމަވާ ފަރާތްތައް ހޯދަން ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ޖޭއެސްސީން މިވަގުތު ދަނީ ގިނަ ފަނޑިޔާރުންތަކެއް ސުލޫކީ މައްސަލަތައް ބަލަމުންނެވެ. އާންމުކޮށް އެފަދަ މައްސަލަތައް ބަލަނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ނަގާ ކޮމިޓީއަކުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީ އިން ސަސްޕެންޑް ކުރި ފަނޑިޔާރުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނެ އެވެ. ނަމަވެސް އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އެންގި އެވެ. ނަމަވެސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް ފަނޑިޔާރުގެ ސަސްޕެންޝަން ދަމަހައްޓާފަ އެވެ.