ދުނިޔެ

ނޫރަލިޔާގައި ކޭބަލް ކާރު ތައާރަފުކުރަނީ

Jul 3, 2019
2

ކޮލޮމްބޯ (ޖުލައި 3) - ސްރީލަންކާގެ ފަރުބަދަމަތީ ސަރަހައްދެއް ކަމުގައިވާ ނުވަރަ އެލިޔާގައި ކޭބަލް ކާރުގެ މަޝްރޫއެއް ފަށަން އެ ގައުމުގެ ކެބިނެޓުން ހުއްދަ ދީފި އެވެ.

ސައިފަށް ދަނޑުތައް ހައްދާ، ލަންކާގެ ފިނި ސަރަހައްދުގައި ކޭބަލް ކާރުގެ ހިދުމަތް ފަށަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ބޭރުގެ ޓޫރިސްޓުންނަށް އަމާޒުކޮށެވެ.

ގާތްގަނޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރުގެ އެ ޕްރޮޖެކްޓް ހުށަހަޅާފައި ވަނީ ލަންކާ އަދި ބޭރުގެ ކުންފުންޏެއް ގުޅިގެންނެވެ.

ނަނު އޮޔަ ރެއިލްވޭ ސްޓޭޝަނުން ފެށިގެން އަށް ކިލޯމީޓަރު ދުރުގައި އޮންނަ ނުވަރަ އެލިޔާގެ ލޭކް ގްރެގަރީ އާދެމެދު ކޭބަލް ކާ ސިސްޓަމް ގާއިމުކުރުމަށް 21 ޓަވަރު އެޅުމަށް އެ ކުންފުނިން ވަނީ ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން އެ ސިސްޓަމް މެދުވެރިކޮށް ނުވަރަ އެލިޔަ ރޭސް ކޯހާއި ސިންގަލް ޓްރީ ވެސް ގުޅާލުމަށް ވަނީ ނިންމައިފަ އެވެ. އެ ސިސްޓަމްގެ ތެރެއިން 10 މީހުންގެ ޖާގައިގެ 86 ކޭބަލް ކާރު އޮޕަރޭޓް ކުރާނެކަމަށްވެ އެވެ. އެކަމަކު ފުރަތަމަ ފިޔަވަހީގައި ހިދުމަތްދޭނީ 43 ކޭބަލް ކާރުން ކަމަށްވެސް އެ ހުށަހެޅުމުގައި ވަނީ ބުނެފަ އެވެ.

ލަންކާގެ ޕްލާންޓޭޝަންސް އިންޑަސްޓްރީސް މިނިސްޓަރުގެ ޕްރޮޕޯސަލްއަކާއެކު، ބޯޑް އޮފް އިންވެސްޓްމަންޓަށް އެ މަޝްރޫއު ހުށަހެޅުމުގެ ހުއްދަ ކެބިނެޓުން ވަނީ އެ ކުންފުންޏަށް ދީފަ އެވެ.