ބޮލީވުޑް

ބޫލް ބުލައްޔާގެ ސީކުއެލްއަށް ކާތިކް

ބުޝަން ކުމާރު ތައްޔާރުކުރަމުންދާ "ބޫލް ބުލައްޔާ"ގެ ސީކުއެލްއަށް ކާރްތިކް އާރްޔަން ހޮވައިފި އެވެ. 

ބުޝަން ކުމާރު ތައްޔާރު ކުރަމުންދާ މި ފިލްމުގެ ލީޑް ތަރީގެ ގޮތުގައި ކާތިކް ހޮވާފައިވާ ކަން ބޮލީވުޑް ހަަބަރުތަކުގައި މިހާރު ވަނީ ޔަގީންކޮށްދީފަ އެވެ. ކާތިކް އަށް މި ސީކުއެލް ޕްރޮޖެކްޓު ހުށަހެޅުމުން ކަމުދިޔަ ކަމަށާއި މި ފިލްމުގެ މަސައްކަތް ފަށަން ބޭނުންވާ ކަމަށްވެސް ރިޕޯޓުކޮށްފައި ވެ އެވެ.

2007 ވަނަ އަހަރު ނެރުނު "ބޫލް ބުލައްޔާ"މި ފިލްމުގެ ލީޑް ތަރި ކުޅެފައިވަނީ، އަކްޝޭ ކުމާރު އެވެ. އަކްޝޭގެ ރޯލު ކާތިކް ޔަގީންކޮށްފައިވާއިރު މި ފިލްމުގައި ފެންނާނެ އިތުރު ތަރިންވެސް ކާސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބުނެ އެވެ.ެ އަދި ކުރިއަށް ހުރި ދުވަސްތަކުގައި ފިލްމުގެ މުޅި ކާސްޓު ފައިނަލް ކުރާނެ ކަމަށް ބުނެ އެވެ.

މި ފިލްމު އަޅުވަން ހަމަޖައްސާފައިވަނީ އަންނަ އަހަރު ފަހުކޮޅު އެވެ.

"ބޫލް ބުލައްޔާ" އަކީ 1993 ވަނަ އަހަރު ނެރުނު މަލަޔާލަމް ފިލްމެއްގެ ރީމޭކް އެކެވެ. މި ސައިކޮލޮޖިކަލް ތްރިލާގައި އަކްޝޭގެ އިތުރުން ވިދްޔާ ބާލަން އާއި އަމީޝާ ޕަޓޭލްވެސް ފެނިގެންދިޔަ އެވެ.