ހަބަރު

ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކުރަނީ

ގެއްލުވާލަފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ބެލުމަށް އެ އިދާރާގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރަން އެ ކޮމިޓީން ނިންމައިފި އެވެ.

241 ކޮމިޓީއަށް ފުލުހުންގެ އިސްވެރިން ހާޒިރު ކުރުމަށް ނިންމީ އިއްޔެ އެ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް ފުލުހުންގެ އިސްވެރިން ހާޒިރު ކުރާނެ ވަކި ތާރީހެއް އަދި ކަނޑައެއް ނަޅާ އެވެ.

241 ކޮމިޓީން ވަނީ މީގެ ކުރިން ވެސް ރިލްވާންގެ ތިން މައްސަލައެއް ބަލައި ދިރާސާކޮށްފަ އެވެ. އެއީ ރިލްވާންގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލުތައް ބެލުމުގެ މައްސަލައިގެ އިތުރަށް، ރިލްވާންގެ މައްސަލާގައި ފުލުހުންގެ ތަހުގީގު ލަސްވަމުންދާތީ އެ މައްސަލަ ބެލުމާއި، ސަލާމަތީ ބާރުތަކުން އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތް ބެލުމެވެ.

ކޮމިޓީން އޭރު ފާސްކުރީ ރިލްވާންގެ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށްވާތީ އެ މައްސަލާގައި މަޖިލީހުން އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމެއް ނެތް ކަމަށެވެ.

ނަމަވެސް ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ މައްސަލަތަކުގައި ފުލުހުން ވެފައިވާ އިހުމާލުތައް ބެލުމުގެ މެންޑޭޓް ރިޔާސީ ކޮމިޝަންގެ މައްޗަށް ނެތް ކަމަށް ވިދާޅުވެ ރިލްވާންގެ މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވޭތޯ މަޖިލީހުން ބެލުމަށް ހުށަހަޅުއްވާފަ އެވެ. ހިސާން ހުށަހެޅުއްވުން ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.

ނޫސްވެރިޔާ ރިލްވާން ގެއްލުނީ އޮގަސްޓު 2014 ގަ އެވެ. އޭނާ ގެއްލުނުތާ ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވީއިރު އަދިވެސް އޭނާ ވީތަނެއް ނޭނގެ އެވެ. އެ މައްސަލައަކީ ގެއްލުވާލާފައިވާ މީހުންނާއި މާރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.