ދުނިޔެ

ބޮއިންގް އިން މަރުވި މީހުންގެ އާއިލާތަކަށް 100 މިލިއަން ޑޮލަރު

Jul 4, 2019

ބޮއިންގް 737 މެކްސް މަރުކާގެ ދެ ބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެހީވުމުގެ ގޮތުން އެ ކުންފުނިން 100 މިލިއަން އެމެރިކާ ޑޮލަރު ދީފި އެވެ.

ބޮއިންގް 737 މެކްސް މަރުކާގެ ފްލައިޓުތަކުގެ ބައިނަލް އަގުވާމީ އުދުހުންތައް ހުއްޓާލާފައި ވަނީ މިދިޔަ މާޗް މަހު އެ މަރުކާގެ އިތިއޯޕިއާ އެއާލައިންސް ފްލައިޓް 302 ރަންވޭއިން ނައްޓާލިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެއްޓި އޭގައި ތިބި ހުރިހާ ދަތުރުވެރިން މަރުވުމާ ގުޅިގެންނެވެ.

އޭގެ ދެމަހެއްހާ ދުވަސް ކުރިން އިންޑޮނޭޝިއާގެ ލަޔަން އެއާ ފްލައިޓް 610 ވެއްޓި އޭގައި ދަތުރުކުރި އެންމެންވެސް މަރުވެފައިވެއެވެ.

އެ ދެ ހާދިސާގައި ބޯޓުން ދަތުރުކުރި ޖުމްލަ 346 މީހުން ވަނީ މަރުވެފަ އެވެ. ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމާފައިވަނީ އަހަރުތަކަކަށް ބަހާލައިގެންނެވެ. އެގޮތަށް ނިންމާފައިވަނީ މަރުވި މީހުންގެ އާއިލާތަކުން ކޯޓަށް ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ.

އެ ހާދިސާތަކުގެ ތަހުގީގުން ބޮއިންގް 737 މެކްސް މަރުކާގެ ފްލައިޓްތަކުގެ ކޮމްޕިއުޓަރު ސިސްޓަމުން މައްސަލަތަކެއް ވަނީ ފެނިފަ އެވެ.

ބޮއިންގް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ދޭން ނިންމި ފައިސާއަކީ މަރުވި މީހުންގެ އާއިލާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ދޭ އެހީއެއް ކަމަށެވެ.

ނަމަވެސް، ބޮއިންގް އިން ދޭން ނިންމި ފައިސާގެ އަދަދު އެކަށީގެންނުވާ ކަމުގެ މަރުވި މީހުންގެ އާއިލާތަކުގެ ވަކީލުން ދަނީ ބުނަމުންނެވެ.