ދުނިޔެ

ލީބިޔާގެ މައިގްރަންޓް ސެންޓަރަކަށް ދިން ހަމަލާއަކީ ހަނގުރާމަވެރި އަމަލެއް

ލީބިޔާގެ މައިގްރަންޓް ސެންޓަރަކަށް ދިން ހަމަލާއަކީ ހަނގުރާމެރި ހަމާލާއެއް ކަމަަށް އދ އިން ބުނެފި އެވެ.

ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ ޑިޓެންޝަން ސެންޓަރަކަށް އިއްޔެ ދިން ވައިގެ ހަމަލާގައި 40 މީހުން ވަނީ މަރުވެފަ އެވެ. އަދި 130 މީހުން ޒަހަމްވެފަ އެެވެ.

އދ ގެ ހައިކޮމިޝަނާ ފޯ ހިޔުމަން ރައިޓްސް، މިޝޭލް ބަޗެލެޓް ވިދާޅުވީ، ހަމަލާ ދިން ޑިޓެންޝަން ސެންޓަރަކީ އެގައުމުގައި ހިގަމުންދާ ދާހިލީ މައްސަލަތަކުގެ ސަބަބުން ގައުމު ދޫކޮށް ދާން ބޭނުންވާ އިންސާނީ އެހީއަށް ބޭނުންވާ މީހުން ތިބި ތަނެއް ކަމަށެވެ.

މި ޑިޓެންޝަން ސެޓަރަކީ އެފްރިކާ ގައުމުތަކުގެ މީހުން އިޓަލީއަށް ހިޖުރަ ކުރާއިރު މަޑުކޮށްގެން ތިބޭ ތަނެވެ.

މިހަމަލާ އދ. ޖެނެރަލް އެޓޯނިއާ ގަޓާސްވެސް ވަނީ ކުއްވެރި ކުރައްވާފަ އެވެ. ހަމަލާ ކުއްވެރި ކުރައްވާ އޭނާ ވިދާޅުވީ، ސެންޓަރަށް ދިން ހަމަލާ ފުރިހަމަ ގޮތުގައި ތަހުގީގުކޮށް، ފަހަތުގައި ތިބި މީހުނަށް އަދަބު ދޭން ޖެހޭނެ ކަމަށެވެ.

ހަމަލާގެ ފަހަތުގައިވަނީ ފާއިތުވި ތިން މަސް ދުވަހު ސަރުކާރާ ދެކޮޅަށް ހަމަލާތައް ދެމުންދާ ކުރީގެ ޖެނެރަލް ހަފްތާރުކަމަށް ލީބިޔާ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް، ހަފްތާރު ކޮންޓްރޯލްކުރާ ލީބިޔަން ނެޝަނަލް އާމީ (އެލްއެންއޭ) ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ލީބިޔާގެ އިރާއި ދެކުނުގެ ސަރަހައްދުތައް ކޮންޓްރޯލްކުރާ އެލްއެންއޭ އިން ދަނީ ޓްރިޕޮލީގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ލީބިޔާގެ ކުރީގެ ރައީސް މުއައްމަރަލް ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ނިކުތް ހަނގުރާމަވެރިން ނޭޓޯގެ އެހީތެރިކަމާ އެކު އެ ސަރުކާރު ވައްޓާލާ ގައްޒާފީ އަވަހާރަކޮށްލި ފަހުން އެގައުމުގައި ވަނީ ހަމަނުޖެހުން ބޮޑުވެފަ އެވެ. އަދި ހައްދު ފަހަނަ އެޅި ހަނގުރާމަވެރި ޖަމާއަތްތަކުގެ އަށް ދަށަށް އެ ގައުމުގެ ބައެއް ސަރަހައްދުތައް ގޮސްފައިވާ އިރު އެ ގައުމު އޮތީ ދާހިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ.