ހަބަރު

ފެމިލީ ކޯޓުގެ އިސް ގާޒީގެ ބަލަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ނޫން: ޖޭއެސްސީ

Jul 4, 2019

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު އާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ނޫން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ގާޒީ ހަސަން ސައީދާ ގުޅޭގޮތުން ހުށަހެޅިފައިވަނީ ޖިންސީ ފުރައްސައިގެ މައްސަލައެއް ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް، އެ ވާހަކަ ދޮގުކޮށް ޖޭއެސްސީން މިއަދު ބުނީ ފެމިލީ ކޯޓުގެ އިސް ގާޒީއާ ގުޅޭގޮތުން ތަހުގީގުކުރަމުންދަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، ގާޒީ ހަސަން ސައިދާ ގުޅޭގޮތުން ހުށަހެޅިފައިވަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނެ އެވެ.

އެ މައްސަލާގައި ޖޭއެސްސީން ވަނީ މިދިއަ މަހުން ފެށިގެން ގާޒީ ހަސަން ސައީދު ސަސްޕެންޑުކޮށްފަ އެވެ. އަދި އޭނާގެ އެދުމުގެ މަތީން އެ ތަހުގީގުކޮށް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. ނަމަވެސް، އެ ތަހުގީގުގެ އަޑުއެހުމެއް އަދި މިހާތަނަށް ބާއްވަފައެއް ނުވެ އެވެ.

ޖޭއެސްސީން މިދުވަސްކޮޅު ދަނީ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން އެ ކޮމިޝަނުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ހަސަން ސައީދުގެ އިތުރުން، ފެމިލީ ކޯޓުގެ ގާޒީ ހުޒެއިފާ މުހައްމަދާ ބެހޭގޮތުންވެސް ޝަކުވާއެއް ހުށަހެޅުނެވެ. ނަމަވެސް، އެ ޝަކުވާގައި އެއްވެސް އަސާސެއް ނެތް ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ނުކުރަން ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ.