ދުނިޔެ

ސަބްމެރިންގައި ބަޔަކު ރޯކޮށްލީ ގަސްދުގައި: ރަޝިއާ

ރަޝިއާގެ އަސްކަރިއްޔާއިން ދިރާސާތައް ކުރަން ބޭނުންކުރާ ޖަސޫސީ ނިއުކުލިއާ ސަބްމެރިން ގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ރަޝިއާއިން ތުހުމަތުކޮށްފި އެވެ.

ރަޝިއާގެ ކަމާ ބެހޭ އިދާރާތަކުން ބުނީ، އަލިފާން ރޯވި ސަބްމެރިންނަކީ އެގައުމުގެ ޖާސޫސު ކުރާ އުޅަނދުތަކުގެ ތެރެއިން އެންމެ ސިއްރުވެރި ރާޑަރުތަކަށް ނާރާ އުޅަނދު ކަމަށެވެ.

ސަބްމެރިންގައި ބަޔަކު އަލިފާން ރޯކޮށްފައިވާ ކަމަށް ތުހުމަތު ކުރިޔަސް އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އަލިފާން ރޯވެފައިވަނީ ސަބްމެރިންގެ ބެޓެރި ކޮމްޕާޓްމެންޓުގަ އެވެ. ރަޝިއާއިން ކަމާއި ބެހޭ އިދާރާތަކުން ވަނީ މި ހަދިސާގެ މައުލޫމާތު އެއް ދުވަސް ވަންދެން ސިއްރު ކޮށްފަ އެވެ.

މި އުޅަނދުގައި އަލިފާން ރޯވެފައިވަނީ ރަޝިއާގެ ކަނޑުގެ ސަރަހައްދުގެ ބަޔޯމެޓްރިކް މެޝާމެންޓްތަކެއް ނެގުމުގެ ދިރާސީ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ. އަލިފާން ރޯވުމުގެ ކުރިން އެއިން ބޭރުވި ގޭހެއްގެ ސަބަބުން ހުރިހާ ފަޅުވެރިން ވަނީ މަރުވެފަ އެވެ.

ސަބްމެރިން އިން އަލިފާން ނިއްވާލުމަށްފަހު މިހާރު ބާއްވާފައި އޮތީ މޫރްމަންސްކް ބަނދަރުގަ އެވެ. އަދި މި ހާދިސާގެ ތަހުގީގެއް މިހާރު ވަނީ ފަށައިފަ އެވެ.

މިއީ ރަޝިއާގައި ސަބްމެރީނެއްގައި ރޯވި ދެވަނަ ފަހަރެވެ. ދެހާސް ވަނަ އަހަރު ކާސްކް ނަމަކަށް ކިޔާ ސަބްމެރިން އެއް ގޮވުމުގެ ސަބަބުން ވަނީ އެއިން ދަތުރުކުރި 118 މީހުން މަރުވެފަ އެވެ.