ފްރޭންކް ލަމްޕާޑް

ޗެލްސީގެ ކޯޗަކަށް ލަމްޕާޑް ހަމަޖައްސައިފި

ފްރޭންކް ލަމްޕާޑް 13 އަހަރު ވަންދެން ކުޅުނު ޗެލްސީގެ ކޯޗް ކަމަށް އޭނާ ހަމަޖައްސައިފިއެވެ.

މިދިޔަ ސީޒަންގައި، ޑާބީ ކައުންޓީގެ ކޯޗުގެ މަގާމު އަދާ ކުރި ލަމްޕާޑް ޗެލްސީގެ ކޯޗް ކަމަށް ހަމަޖެއްސީ ތިން އަހަރަށެވެ. ޗެލްސީގެ ކޯޗް ކަމަށް ލަމްޕާޑް ގެނައުމަށް އެ ޓީމުން ނިންމީ، ކޯޗުގެ މަގާމުގައި މިދިޔަ ސީޒަންގައި ހޭދަ ކުރި އިޓަލީގެ މައުރީޒިއޯ ސާރީ ޔުވެންޓަސްއަށް ބަދަލުވުމުންނެވެ.

އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭ އޮފްއަށް، ޑާބީ ކައުންޓީ ގެންގޮސްދިން ކޯޗަށް ޗެލްސީގައި އޮތީ އުނދަގޫ ޗެލެންޖެކެވެ. ފީފާއިން އެ ޓީމަށް ކުރިމަތި ކުރި ޓްރާންސްފާގެ އަދަބާ އެކު، ކުރިއަށް އޮތް ސީޒަންގައި އެ ޓީމަށް އާ އެއްވެސް ކުޅުންތެރިޔަކު ނުގެނެވޭނެ އެވެ. އަދި ޗެލްސީގެ އެޓޭކުގައި ވޭތުވެދިޔަ ހަތް އަހަރު އެންމެ މުހިންމު ދައުރެއް އަދާ ކުރި، އެޑެން ހަޒާޑްވެސް ޓީމު ދޫކޮށްލުމުން އެކަމަށްވެސް ޓެކްނިކަލް ހައްލެއް ހޯދަން ޗެލްސީއަށް ވަނީ ޖެހިފަ އެވެ.

ޗެލްސީއަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުރީގެ މީޑްފީލްޑަރު ބުނީ، ޗެލްސީ އާމެދު އޭނާގެ ހާއްސަ ލޯތްބެއް އޮންނަ ކަމަށާއި އެހާ ދުވަހު ކުޅުނު ޓީމަކަށް ހެޑް ކޯޗުގެ ގޮތުގައި އަންނަން ފުރުސަތު ލިބުމަކީ ހާއްސަ އުފަލެއް ކަމަށެވެ.