މީހުން

އެންމެ ބޭނުންޖެހޭ ވަގުތު އެހީއަށް ނުކުންނަތާ 12 އަހަރު!

މަރިޔަމް ޝަރީފް: ދަރުމައަށް މަސައްކަތްކުރާތާ 12 އަހަރު

ގައުމުގައި ހިތާމަވެރި ހާދިސާއެއް ނުވަތަ ގުދުރަތީ ބޮޑު ކާރިސާއެއް ކުރިމަތިވެއްޖެނަމަ ކަމާބެހޭފަރާތްތަކާއި އެކު ހަރަކާތްވުމަށް އަމިއްލަ އެދުމެއްނެތި އަވަސްވެގަންނަ ބަޔަކު ވެސް އުޅެ އެވެ. ކުރިމަތިވެދާނެ ނުރައްކާތަކަށް ފަރުވާލެއް ނެތި އެވެ. ގިނަ މީހުންނަށް އެކަމެއް ފަހުމެއް ނުވެ އެވެ. އުޖޫރައެއް ނުލިބި އަމިއްލަ ވަގުތު ދުއްވާލާތީ ކުރިމަތިވާ ސުވާލުތަކެވެ. ބައެއް ފަހަރު ކުރާ މަލާމާތެވެ.

އެ ހުރިހާ ކަމަކަށް ބީރު ކަންފަތެއް ދީގެން މަރިޔަމް ޝަރީފު (މަރީ) ، 34 ދަރުމަވެރިއެއްގެ ގޮތުގައި މުޖުތަމުއުއަށް ހިދުމަތް ކުރާތާ 12 އަހަރު ވެއްޖެ އެވެ. އަމިއްލަ އެދުމެއް، ފައިދާއެއްވެސް ނެތި އެހީއަށްޓަކައި މަރީގެ އަތް މުޖުތަމައުއަށް ވެދުން ކުރަނީ ތަފާތު ހިތްހަމަޖެހުމެއް ލިބޭތީ އެވެ.

ވޭތުވެ ދިޔަ 12 އަހަރުގައި މާލޭގައި ހިނގާ ބޮޑެތި ހުރިހާ ކަމެއްގަހެން މަރީ ވަނީ ދަރުމަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. މިފަހުން ސްޕްރީމްކޯޓްގެ އަމުރާއި ގުޅިގެން މާލެތެރެ ހަލޮބޮލިވެގެން ދިޔަ ދުވަސްވަރު މަރީ އުޅުނީ އެއްކޮށް އެލާޓުގައެވެ. ނުރައްކާތެރި ހާދިސާތަކަށް ބަލާއިރު އަލިފާނުގެ ހާދިސާތަކުގަޔާއި މާލޭވޯޓަރ ކްރައިސިސްގެ އިތުރުން ވާރެވެހި ފެންބޮޑުވެ ބަޔަކު ހާލުގައި ޖެހުނަސް އަދި މީގެ އިތުރުން އާއްމު މަސްލަހަތު ހިމެނޭ ބައިބަލާ މުބާރަތް ކަހަލަ އިޖްތިމާއީ ކަންކަމުގައްޔާއި އެކި ދުވުންތަކުގައި ރެޑްކްރެސެންޓްގެ ރަތް ކުލައިގެ ވެސްޓްލައިގެން މަރީއާއި އެކު އޭނާގެ ރެޑްކްރެސެންޓް ޓީމު ބިޒީވަނީ ހަމަ ދަރުމައަށްޓަކައެވެ.

މަރީ ރަސްމީގޮތުން އަދާކުރާ ވަޒީފާއަކީ ހާއްސަ އެހީއަށްބޭނުންވާ ކުދިންނަށް ކިޔަވާ ދިނުމެވެ. ވޮލަންޓިއަރެއްގެ ގޮތުން މަސައްކަތް ކުރަން ފެށުނީ ގާލް ގައިޑް އެސޯސިއޭޝަންގައި އުޅުމުގެ ތެރެއިން ދިވެހި ރެޑްކްރެސެންޓް އިން ހިންގި ސްޓޭންޑަޑް ފަސްޓް އެއިޑް ކޯހެއްގައި ބައިވެރިވުމަށް ލިބުނު ފުރުސަތަކުން ކަމުގައި މަރީ ބުންޏެވެ.

"ދިވެހި ރެޑްކްރެސެންޓާއި އެކު ވޮލަންޓިއާ ކުރަން ފެށީ ރެޑްކްރެސެންޓްގެ ކޯހެއް ހަދަން ލިބުނު ފުރުސަތަކުން. އޭގެ ކުރިން ގާލްގައިޑް އެސޯސިއޭޝަންގަ އުޅުނީ. ވަރަށް ގިނަ މީހުން ބުނާނެ ކީއްކުރަން ކުރާ ކަމެއްހޭ؟ ވަގުތު ނަގާލައިގެން މަސައްކަތްކޮށް ލާރިވެސް ލިބެނީކީ ނޫނޭ. އެކަމަކު މިއީ ވަރަށް ތަފާތު ހިތްހަމަޖެހުމެއް ލިބޭ ކަމެއް. ވަރަށް ހާލުގައި އުޅޭ، ނުވަތަ މީހަކަށް ބޮޑު ތަކުލީފެއް ޖެހި ވަރަށް ނާޒުކު ހާލަތެއްގައި އިންސާނިއްޔާތުކަން ފޯރުކޮށްދޭން މި ދަނީ. ރަތްވެސްޓުން މީހުންނަށް އެހީތެރިކަން އެބަ ލިބޭ ކަން ދަނެގަނެވޭ އުއްމީދު އާވާނެ. ވަރަށް ބޮޑު އުފަލެއް މިއީ. "

ވަރަށް ގިނަ މީހުން ބުނާނެ ކީއްކުރަން ކުރާ ކަމެއްހޭ؟ ވަގުތު ނަގާލައިގެން މަސައްކަތްކޮށް ލާރިވެސް ލިބެނީކީ ނޫނޭ. އެކަމަކު މިއީ ވަރަށް ތަފާތު ހިތްހަމަޖެހުމެއް ލިބޭ ކަމެއް. ވަރަށް ހާލުގައި، ނުވަތަ މީހަކަށް ވަރަށް ބޮޑު ތަކުލީފެއް ޖެހި ވަރަށް ނާޒުކު ހާލަތެއްގައި އިންސާނިއްޔާތުކަން ފޯރުކޮށްދޭން މި ދަނީ. ރަތްވެސްޓުން މީހުންނަށް އެހީތެރިކަން އެބަ ލިބޭ ކަން ދަނެގަނެވޭ އުއްމީދު އާވާނޭ. ވަރަށް ބޮޑު އުފަލެއް މިއީ.
މަރިޔަމް ޝަރީފް-ދަރުމަވެރިއެއް

މިކަންވެސް މަރީ ވަނީ އޭނާގެ ހިދުމަތުން ދައްކާ ދީފައެވެ. މިދިޔަ އަހަރު އެކަނިވެސް މަރީވަނީ 100 އަށްވުރެ ގިނަ ގަޑިއިރު ވޮލަންޓިއަރ އަވާރސްގެ ގޮތުގައި ލޮގްކޮށްފައެވެ. "ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ މިގޮތަށް މަސައްކަތް ކުރުމުން. ކިޔަވާދިނުމުގައި ސުކޫލްގައި ނާރސްއެއްވެސް ނެތި ދާ ވަގުތުކޮޅެއްގައި ކުއްޖަކަށްކަމެއް ދިމާވެ ނުވަތަ އެމެރޖެންސީ ހާލަތެއްގައި ނުވަތަ އެއްވެސް ކަމެއް ދިމާވެއްޖެނަމަ އެހީތެރިކަން ހޯދާނެ. ދެން އަބަދުވެސް ރިލައި ކުރެވޭނެ ކަން އިނގޭނެ. ވަރަށް އުފާވޭ އަސްލު ބޮޑު އެސެޓެއްގޮތުގައި ދެކެތީ"


ރެޑްކްރެސެންޓްގައި މަރީ ހިދުމަތާއި އެކު ތަފާތު އެކި ކޯސް މަރީ ފުރިހަމަކުރިއެވެ. އާ ހުނަރު ދަސްކުރުމާއި މި ދާއިރާއިން ކުރިއަށް ދިއުމުގެ ވިސްނުން އެބައޮތް ކަމުގައި މަރީ ބުންޏެވެ. " ފަސްޓް ރެސްޕޮންސް ޓީމް ޓްރެއިނިން، އިމަރޖެންސީ ފަސްޓް ރެސްޕޯންސް ޓްރއިނިންގ އާއި ފަރސްޓް އެއިޑްގެ ޓްރެއިނިންގ އޮފް ޓްރެއިނާރސް އާއި ވޮލަންޓިއަރިންގ ވޯކްޝޮޕް ފަދަ އަދި ވަރަށް ގިނަ ތަމްރީނުތަކުގައި ބައިވެރިވިން. އަދި މިހާރު ތަމްރީންގެ ހިންގުމުގެ ތަޖުރިބާ ހުންނާނެ"

މަރީ ބުނިގޮތުގައި ސްކޫލްދައުރުގައި މަރީ އަކީ މާ ގިނަ ރަހުމަތްތެރިންތަކެއް ގެންގުޅުނު މީހެއް ނޫނެވެ. އެހެންނަމަވެސް ވޮލަންޓިއަރ ހިދުމަތް ފޯރުކޮށްދީގެން މަރީއަށް ގިނަ ކަންކަން ދަސްވެއްޖެއެވެ. "ޕާސަނަލް ލައިފްގަ ވެސް އުދަގޫ ހާލަތަކުން އަރައިގަންނާނެ ގޮތާއި މީހުންނާއި ވާހަކަދެއްކުމާއި ކަންކަން ހައްލު ކުރާނެ ގޮތާއި ލައިފްސްކިލްސް އާއި މިހާގެ ލީޑާޝިޕްވެސް ތަރައްގީވާ ކަމެއް ވޮލަންޓިއާ ކުރުން މިއީ"

ތަފާތު ތަޖުރިބާ އަދި ތަފާތު އެކި އެކި މީހުންނާއިވެސް ބައްދަލުވެއްޖެ އެވެ. މާލޭއަށް ދިމާވި ވޯޓާކްރައިސިސްއަކީ މަރީ ބުނިގޮތުގައި ވަރަށް އަސަރުކުރި މަންޒަރުތަށް ފެނުނު ދުވަހަކެވެ. "ފެން ނެތިގެން ކަމަށް ބުނެ ރެޑްކްރެސެންޓްގެ އެހީ ހޯދުމަށް ގުޅި ދެމަފިރިއަކަށް ފެން ބެހުމަށް ގެއެއްގެ އެންމެ މަތީ ފްލޯ އަށް އެރިއިރު އުމުރުންދުވަސްވީ ދެމަފިރިޔަކު އެކަނި އެގޭގައި އުޅެނީ. ފެން ނެތިގެން އުޅޭތީ ދަރިޔަކުވެސް އެމީހުން މަތިން ހަނދާންވެގެން ގުޅާނުލާވާހަކަ އާއި އެންމެ 5 ލީޓަރު ފުޅިއެއް އެގޭގައި ހުރިވާހަކަ ކިޔާދިން. ވަރަށް އަސަރުކުރޭ މީހުންގެ އެންމެ އުދަގޫ ހާލަތްތަކުގައި މި ދިމާވަނީ. ބައެއް ފަހަރު ކަރުނަ ފޮހެމުންވެސް އެބަޖެހޭ ކުރިއަށްދާން"

ބައިބަލާ މުބާރަތެއްގައި ދިމާވި ހާދިސާއެއް މަރީ ކިޔައިދިނެވެ. "ބުރުތެރެއަށް މީހަކު ވެއްޓުމުން، އެވަގުތު ސްޓްރެޗާގައި އެމީހާ ގެންނަން ހުރީ މަރީ އާއި އެހެން އަންހެން ކުއްޖެއް. ދެން ބުރަށް އަރަން ދިމާކޮށްލީމަ ވަރަށް ބޮޑަށް ދިމާ ކުރި. ރަނޑުއަންހެނަކަށް އެމީހާ ގެންދެވޭނޭ ހެއްޔޭ. މަރީ އާއި އެކުއްޖާއާއި ވެގެން އެމީހާ އިވެކުއޭޓް ކުރީ. ދެން މީހުން ވަރަށް ތަރުހީބުދިން." މިއީ ހަނދާނުން ފިލައިގެން ދާނޭ ދުވަހެއް ނޫން ކަމުގައި މަރީ ސިފަކުރިއެވެ.

މަރީގެ ބައްޕައަކީ އެމް.އެން.ޑީ.އެފްގެ ކާނަލެއް ކަމުގައިވާ މުޙައްމަދު ޝަރީފް ކަމުން ބޮޑެތި އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާއިރު ފަޔަރއެންޑް ރެސްކިއު ޓީމުތަކުން ކުރިން މަރީއަށް "ޝަރީފުގެ ދަރިފުޅު" ނިސްބަތްކުރިއަށް މިހާރު މަރީގެ ރަތްކުލައިގެވެސްޓުން އަމިއްލަ އައިޑެންޓިޓީއެއް ހޯދާ "އެމްއާރްސީމަރީ"ގެ ގޮތުގައި ވަނީ ބަލައިގެންފައި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާދިނުމުގައި އުޅޭތީ އެކުދިންނަށްވެސް މަރީގެ މި ހިދުމަތް ވަރަށް ފާހަގަކުރެވޭ ކަމުގައި މަރީ ބުންޏެވެ. ބައެއް ކުދިން ރަތްކުލައިގެ ކުޑަވެސްޓެއްނެތްތޯ ވެސް އަހާއިރު ބައެއް ކަހަލަ އިވެންޓް ތަކުން މަރީ ހޯދުމަށްވެސްދެއެވެ. އެހެންކަމުން މަރީއަކީ ރިވެތި ނަމޫނާދައްކާ މުދައްރިއްސެކެވެ.


އާއިލާގެ މަންމަ ބައްޕަ އަދި ފިރިމީހާގެ ސަޕޯޓާއި ހިއްވަރު ވަރަށް ބޮޑަށް މި މަސައްކަތުގައި ލިބޭ ކަމުގައެވެ. "އެލާޓެއް އައިސް ކަމެއް ހިނގައިފިނަމަ ސިފައިންގެވެސް އެލާޓަށް އަންނާނެތާ. ބައްޕަ އަދި ފިރިމީހާވެސް ސިފައިންގެ އިން އެލާޓަށް އަންނާނެތާ. ދެމީހުންވެސް ބަލާނެ ހާލު. ފީލްޑަށް ނިކުންތޯއާއި ގެއަށް ދިއަތޯ. ލަސްވަންޏާ ގުޅާނެ މަންމަވެސް. ފިރިމީހާވެސް ނިމެންދެން ވެސް ހުރޭ ބައެއް ފަހަރު. މިކަހަލަ ކުދި ކުދި ކަންކަމުންވެސް އާއިލާއިންދޭ ހިއްވަރުން ވަރަށް އުފާވޭ."

މަރީގެ ހިދުމަތްތަށް ފާހަގަކޮށް ދިވެހި ރެޑްކްރެސެންޓުން ވަނީ އޭނާއަށް ގޯލްޑަން އަދި ޕްލެޓިނަމް ވޮލަންޓިއާ އެވޯޑްވެސް ދީފަ އެވެ. ދެހާސްތޭރަ ވަނަ އަހަރު 300 ގަޑިއިރަށްވުރެ ގިނަވަގުތު މިކަމަށް ހުސްކޮށްފައިވާރު 2012 ގައި 270 ހާ ގަޑިއިރު ހިދުމަތުގައި ހޭދަކޮށްފައިވެ އެވެ.

މަރީ ދެކޭގޮތުގައި ސްކޫލް ދައުރުން ފެށިގެން ކުދިންނަށް ވޮލަންޓިއާ ކުރުމުގެ މުހިއްމުކަން ކިޔާދެން އެބަޖެހެ އެވެ.

"ސްކޫލް ކުދިންނަށްވެސް އެކުދިން ކޮންމެވެސް މުޖުތަމައުއަށް ފައިދާހުރި ކަމެއްގައި ވޮލަންޓިއާ މަސައްކަތުގައި ބައިވެރިކުރަން އެބަޖެހޭ. މީހުންނާއި މުއާމަލާތްކުރުމަށާއި. ކަންކަމާއި ކުރިމަތިލާން ދަސްކޮށްދޭން އެބަޖެހޭ. ފޮތުގެ ދެލިގަނޑުން ބޭރު ކަންކަން ދަސްކޮށްދޭން އެބަޖެހޭ. އެކުދިންގެ ރިޕޯޓްކާޑުގައި ހިމެނިދާނެ ވޮލަންޓިއަރ ކުރި ގަޑި. އަދި މުޖުތަމައުވެސް އެބަޖެހޭ ވޮލަންޓިއަރިޒަމް ބަލައިގަންނަން. ކީއްކުރަން ކުރާ ކަމެއްތޯ ނާހާ މުޖުތަމައުގެ ލާބައަށް ކުރާ މިފަދަ ކަންކަމުގައި ގިނަ މީހުން އަމިއްލަ އަށް އިސްނަގައިގެން ބައިވެރިވާ ދުވަސް އެއީ އެންމެ ދެކެން ބޭނުންވާ ދުވަސް"

މަރީގެ ވިސްނުމަކީ މުސްތަގުބަލުގައިވެސް ދަރުމަވެރިއެއްގެ ގޮތުގައި ހިދުމަތުގައި ކުރިއަށް ދިއުމަށެވެ.

"ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ. ކޮންމެވެސް ރަނގަޅުކަމެއް ކުރެވުމުގެ އިހުސާސް ލިބޭތީ ދުވަސް ނިންމާ ވަރަށް ހަމަޖެހިލައިގެން ނިދާލެވޭ."