މަޝްހޫރު އިލްމުވެރިޔާ، ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގެ ތަހުގީގު ރިޕޯޓު ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު އުފައްދަވާފައިވާ ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަނާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އެގޮތުން އަފްރާޝީމް އާއި ރިލްވާން މައްސަލައިގެ ތަހުގީގު ރިޕޯޓެއް މަރު ކޮމިޝަން ފަރާތުން ލިބިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް ރިޕޯޓެއްގެ ތަފްސީލެއް ނުދެއްވަ އެވެ.
"ޑރ. އަފްރާޝީމް މައްސަލައިގައި ވަރަށް ތަފްސީލު ރިޕޯޓެއް އަޅުގަނޑަށް ލިބިފައި އެބައޮތް، ހަމައެއާއެކު ރިލްވާން މައްސަލާގައި ވެސް ރިޕޯޓެއް އަޅުގަނޑާ ހަމައަށް އޮތީ އައިސްފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރިލްވާން އާއި އަފްރާޝީމްގެ މައްސަލައާ ގުޅިގެން މަރުގެ ކޮމިޝަނުން ވަނީ ބައެއް މީހުން އިއުލާން ކުރުމާއި ބައެއް ފަރާތްތަކުން އެ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނެގުމުގެ މަސައްކަތް ވެސްކޮށްފަ އެވެ. އެ ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ އެ ދެ މައްސަލަ އާއި ބްލޮގަރު ޔާމީން ރަޝީދު މައްސަލަ ވެސް ގުޅިފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ތަފްސީލެއް ނުދެ އެވެ.