ރައީސް އަބްދުﷲ ޔާމީން

ރައީސާއި މަޖިލީހުން ވަނީ ޖުޑިޝަރީގެ ބާރުތައް ފޭރިގެންފަ: ޔާމީން

ވެރިކަން ކުރާ ބާރާއި ރައްޔިތުންގެ މަޖިލީހުން ޖުޑީޝަރީގެ ބާރުތައް ފޭރިގަނެފައިވާ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

"ފޭރުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ދެ ޕާޓީން މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ތާއީދާއެކު މި ސަރުކާރު ގެނެސްފައި ވަނީ ކުރިން އޮތް އެމަނިކުފާނުގެ ވެރިކަމުގައި ކަމު ނުދާ ބައެއް ކަންކަން ހުރުމުން އެ ކަންކަމަށް އިންތިގާލީ ހެޔޮ ބަދަލެއް ގެނައުމަށް ކަމަށެވެ. ސަރުކާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ވެސް ރައްޔިތުން ދިނީ އެ ބަދަލުތަކުގެ އުއްމީދުގައި ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ދީފައި ވަނީ "ހިތު ހުރިހާ" ކަމެއް ކުރާކަށް ނޫން ކަމަށާއި ގާނޫނު އަސާސީއަަށް ފަސޭހައިން ބަދަލު ގެނެވިގެން ނުވާނެ ކަމަށެވެ. މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ގާނޫނު އަސާސީއަށް ބަދަލު ގެނެވެން އޮތް އޮތުން ވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ހަމަ ގައިމު ވެސް އެ ގާނޫނު އަސާސީ ފަރުމާކުރި ރައީސާއި މަޖިލީހުގައި މަސައްކަތް ކުރި މީހުންނަށް މި ދުވަސް ހިތަކަށް ނާރާ، އަބަދުވެސް އަޅުގަނޑުމެންގެ ވެރިންގެ މައްސަލަ، މާ ކައިރި ފެންނަނީ، ނޭފަތު ކުރި އެކަނި ފެންނަނީ، ކިތަންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނަސް ރައްޔިތުންގެ ހައްގުތަކަށް އަރާ ގަނެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމުގެ ހައިސިއްޔަތެއް ރައްޔިތުން ހަމަ ގައިމު ވެސް ނުދޭނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެންމެ ކަންބޮޑުވާ މައްސަލައަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ތިން ބާރު ވަކިވެފައިވާ ނިޒާމުން އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެރިވުމުގެ މަސައްކަތަށް "ފާރުތައް ފޫއަޅުވާލައި" މައްސަލަ ކަމަށެވެ. ނަމަވެސް ބޮޑު އަގުލަބިއްޔަތު ލިބުމުން އެ ނިޒާމަށް ބަދަލު އަންނަ ގޮތަށް އެއްވެސް ކަމެއް ކުރެވިގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދާދި ފަހަކުން ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމަށް ފާާސްކުރި ގާނޫނަކީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެކެވެ. އަދި ވިދާޅުވީ އެ ގާނޫނު މެދުވެރިކޮށް ރައީސަށް ޖުޑީޝަރީގެ ބާރު "ފޭރިގަންނަން" ފުރުސަތު ލިބިގެން ދިޔައީ ކަމަށެވެ. އެ ކޮމިޝަންތަކަށް ޖުޑިޝަރީގެ ބާރުތައް އަތުލައިގަނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސަށް ގާނޫނު އަސާސީން ކޮމިޝަން ހެދުމުގެ ބާރު އެބަ ލިބޭ، އެއީ އެއްގޮތަކަށް ވެސް ގާނޫނުން ބޭރުން މީހުން ހިއްފާ ހައްޔަރު ކުރުމެއް ވެސް ނޫން، ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމެއް ވެސް ނޫން، އެއީ ކޯޓުތަކުގެ ބޭރުން އަދަބު ދިނުމެއް ވެސް ނޫން، މި އަންނަނީ ޖުޑިޝަރީގެ ބާރުތައް، މި ބާރުތައް ރައީސަކަށް ނުލިބޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ބާރުތަކުގެ ތެރެއިން ރައްޔިތުން އެންމެ ކަރާމާތްތެރި ބާރެއްގެ ގޮތުގައި ދެކެނީ އަދުލު އިންސާފުގެ ބާރަށް ކަމަށް ޔާމީން ވިދާޅުވި އެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ތަނެއް ކަމަށާއި ނަމަވެސް އަދުލު އިންސާފުގެ ބާރަކީ އެފަދަ ބާރެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކިތަންމެ މިނިވަނޭ ބުނެ ރައީސުލްޖުމްހޫރިއްޔާ ކޮމިޝަންތަކަކަށް ޖުޑިޝަރީގެ ބާރު ދީފި ނަމަ މުޅި ނިޒާމު އެ ހަލާކު އެ ކޮށްލެވެނީ، އެ ގާނޫނު އަސާސީއަށް ކަމޭ ނުހިތަނީ، ޖުޑީޝަރީގެ ބާރު ބީވެގެން ދިއުމަކީ އެއް ގޮތަކަށް ވެސް ހިތްހަމަ ޖައްސަލައިގެން ތިބެވޭނެ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.