ހަބަރު

އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

Jul 5, 2019

އެމެރިކާގެ 243 ވަަނަ މިނިވަން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސް ޑޮނަލްޑް ޓަރަމްޕަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވައިފި އެވެ.

ރައީސް ސޯލިހް އިއްޔެ ފޮނުއްވި ސިޓީގައި ވިދާޅުވީ، އެމެރިކާގެ މިނިވަން ދުވަހުގެ ތަހުނިޔާ އެމެރިކާގެ ހުރިހާ ރައްޔިތުންނަށާއި ރައީސް ޓްރަމްޕަށް ފޮނުވާ ކަމަށެވެ. އަދި އެމެރިކާ އަކީ އަބަދުވެސް ޑިމޮކްރަސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ގައުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން އަބަދުވެސް އެމެރިކާއާއެކު އޮތް ގުޅުން ދަމަހައްޓާނެ ކަމަށާއި ދުނިޔޭގެ ކަންކަމުގައި އެމެރިކާއިން ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

"އެމެރިކާގެ މިނިވަން ދުވަހާއި ގުޅިގެން އެގައުމުން ފަހުރުވެރިވާ ތަރިކަ އާއި ސަގާފަތް މަތިން ރައްޔިތުން ހަނދާން އާވާނެ ކަމަށް އުންމީދު ކުރަން، އެކަމަކީ ރާއްޖޭއިން އަދިވެސް ދަސްކުރަން ޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އުންމީދަކީ ކުރިއަށް އޮތް ތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުން ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކާއެކު ގުޅުން ބަދަހި ކުރުން ކަމަށެވެ.