ދިވެހި ޕްރެމިއާ ލީގް

ވިކްޓަރީ އަތުން ފޯކައިދުއަށް އުނދަގޫ މޮޅެއް

މުޅިން އާ ކުޅުންތެރިންތަކަކާއެކު ސީޒަނަށް ނިކުތް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް ފޯކައިދުއިން އުނދަގޫ މޮޅެއް ހޯދައިފި އެވެ. ފޯކައިދޫ މެޗު ކާމިޔާބު ކުރީ 1-0 ންނެވެ.

ކުރިން ކުޅުނު ހަތަރު މެޗަށް ވުރެ، ވިކްޓަރީން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތަކެއްވެސް ތަނަވަސް ކުރި އެވެ. މެޗުގެ 20 ވަނަ މިނެޓްގައި، ވިކްޓަރީގެ ޔޫސުފް ޖައިޝަމް ނާފިޒު (ޖައި) ތަނަވަސް ކުރި ފުރުސަތުގައި، ފޯކައިދޫގެ ކީޕަރު ސާގިބް ނައްޓާލާފައި ގޮސް އޭނާ ބޯޅަ ފޮނުވާލީ ބޭރަށެވެ.

ފުރަތަމަ ހާފަުގައި ފޯކައިދޫގެ މިސްރުގެ ފޯވަޑް މުސްތޮފާ މުހައްމަަދު ސެޑިކް، ވަނީ ނުރައްކާތެރި ދެ ބޯޅަ ފޮނުވާލާފަ އެވެ. އެ ދެ ފަހަރުވެސް ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފުގައި، ވިކްޓަރީގެ ކުޅުންތެރިންނަށް ވަރުބަލިކަން އިހްސާސް ކުރެވުމުން ފޯކައިދޫގެ ކުޅުންތެރިން އޭގެ ފައިދާ ވަރަށް ރަނގަޅަށް ބޭނުން ކުރި އެވެ. ދެ ވަނަ ހާފު މުޅިން ކަހަލަ ގޮތަކަށް ކުޅުނީ ވިކްޓަރީގެ ހާފުގެ ތެރޭގައެވެ.

ފޯކައިދޫގެ ލަނޑު، 73 ވަނަ މިނެޓްގައި މުސްތޮފާ ކާމިޔާބު ކުރީ، ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާ އެވެ.

ފޯކައިދޫގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ބުނީ، ވިކްޓަރީގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި 1-0 ން ވިޔަސް އޭނާގެ ޓީމު މޮޅުވުމުން ހިތްހަމަޖެހޭ ކަމަށެވެ. ވިކްޓަރީގެ ކޯޗް މުހައްމަދު އާދަމް ބުނީ، ޒުވާން ކުޅުންތެރިންނާއެކުވެސް ވިކްޓަރީއަށް ލީގްގައި ވާދަ ކުރެވޭނެކަން މެޗުން ފެނިގެން ދިޔަ ކަމަށެވެ.