ހަބަރު

ކޯސްޓްގާޑް އިމާރާތް ތަޅާލަން އިއުލާންކޮށްފި

Jul 6, 2019
1

އެމްއެެންޑީއެފްގެ ކޯސްޓްގާޑް ބިލްޑިން ތަޅާލާ އެ ބިން ސާފްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެމްއެންޑީއެފްގެ ކޯސްޓްގާޑް އިމާރާތް ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އަދި، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށް އިއުލާނުގައި ވެ އެެވެ.

ކޯސްޓްގާޑް އިމާރާތް ތަޅާލުމަށް ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ބީލަމުގައި ބައިވެރިވުމަށް ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގަައި 500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި، ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިގަންނާނި މާދަމާއިން ފެށިގެން މި މަހުގެ 24 އަށް ކަމަށް އިއުލާނުގައި ވެ އެވެ.

ބީލަން ހުޅުވުން އޮންނާނީ 25 ޖުލައިގެ 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާކުރާ މާލަމުގަ އެވެ.

ބޮޑުތަކުރުފާނު މަގުގައި ރައީސް އޮފީހާ ޖެހިގެން ހުންނަ މި އިމާރާތުގައި އެމްއެންޑީއެފް ކޯސްޓްގާޑްއާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ކުރެ އެވެ.