ހަބަރު

ރޭގެ އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންނާއި ސީޕީ ހަމީދު ބައްދަލު ކުރައްވައިފި

ރޭ މާފަންނު ގެއެއްގެ ތެރެއަށް ފުލުސް އޮފިސަރުންތަކެއް ވަދެ މީހަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން، ރޭގެ އެ އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންނާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

މާފަންނު ގެއެއްގެ ތެރޭގައި ފުލުހުން ވަދެ މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ވަނީ އާންމުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން އޮފިސަރުން ވަނީ އޭނާ ފާރަށް ޖަހައި، އަތުންނާއި ފައިން އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދެ އެވެ. ފުލުހުން ވަނީ އެ ވީޑިއޯ ރިވިއުކޮށް ތަހުގީގެއް ފަށައިފަ އެވެ. އަދި އެ ކަމުގައި ބައިވެރިވި އޮފިސަރުން ވަނީ ވަގުތުން ސަސްޕެންޑްކޮށްފަ އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ ރޭގެ އޮޕަރޭޝަންގައި ބައިވެރިވި އޮފިސަރުންގެ ގްރޫޕާ މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް (ޕީއެސްސީ) އިން އެ މައްސަލައިގެ އެތެރޭގެ ތަހުގީގެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން އެ ކޮމިޝަންތަކުގެ މިނިވަން ތަހުގީގެއް ވެސް މި މައްސަލައިގައި ކުރަމުންދާ ކަމަށެވެ.

"މި ހުރިހާ ތަހުގީގުތަކަށް އަޅުގަނޑާއި ފުލުހުންގެ މުޅި އެކްޒެކިއުޓިވް ޓީމްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. މިފަދަ ލާއިންސާނީ އަމަލުތަކަށް އެއްވެސް ވަރަކަށް ޓޮލެރޭޓެއް ނުކުރެވޭނެ،" ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލްސައްތާރު ވިދާޅުވި ގޮތުގައި އޮފިސަރުން ރޭ ވަދެފައިވަނީ އޭނާގެ ގޭގެ ކުރިމައްޗަށް ހުންނަ ގެއަކަށެވެ. އަދި ފަހުން އެ އޮފިސަރުން އައިސް އަނަސްގެ ގެއަށް ވަދެ، އާންމުވި ވީޑިއޯއާ ގުޅޭ ގޮތުން ސުވާލު ކުރި ކަމަށާއި ފޯނުތައް ބަލަން މަސައްކަތްކޮށް އަނަސްގެ ގޭގައި އުޅޭ ފަރާތްތަކަށް ވީޑިއޯ ނެގި ކަމުގެ ތުހުމަތު ކުރި ކަމަށެވެ. އަދި ވީޑިއޯއެއް ނެގިނަމަ ޑިލީޓް ކުރުމަށް އޮފިސަރުން އިންޒާރު ދިން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މައްސަލައާ ގުޅިގެން އަނަސް ހިއްސާ ކުރެއްވި އިތުރު މައުލޫމާތުތައް ވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ޕީއެސްސީއަށް ހިއްސާ ކުރެވިފައިވާނެ ކަމަށެވެ. ފުލުހުންގެ އިދާރާާގެ ގިނަ އޮފިސަރުން ތިބީ ފުލުހުން ކުރާ މިފަދަ އަނިޔާތަކާ ދެކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.