ހަބަރު

އަނިޔާކުރި ފުލުހުން ހައްޔަރު ކުރަން ގޮވަނީ

މާފަންނު ގެއެއްގެ ތެރެއަށް ވަދެ ފުލުސް އޮފިސަރުންތަކެއް ހިންގި އޮޕަރޭޝަނެއްގައި ތުހުމަތު ކުރެވޭ މީހާއަށް އަނިޔާ ކުރި މައްސަލައިގައި ހިމެނޭ އޮފިސަރުންތައް ހައްޔަރުކުރުމުގެ ބަދަލުގައި ހަމައެކަނި ސަސްޕެންޑް ކުރަން ނިންމުމުން އެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކޮށްފި އެވެ.

މާފަންނު ގެއެއްގެ ތެރޭގައި ފުލުހުން ވަދެ މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ ވަނީ އާންމުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުން އޮފިސަރުން ވަނީ އޭނާ ފާރަށް ޖަހައި، އަތުންނާއި ފައިން އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދެ އެވެ. ފުލުހުން ވަނީ އެ ވީޑިއޯ ރިވިއުކޮށް ތަހުގީގެއް ފަށައިފަ އެވެ. އަދި އެ ކަމުގައި ބައިވެރިވި އޮފިސަރުން ވަނީ ވަގުތުން ސަސްޕެންޑްކޮށްފަ އެވެ.

މިކަމާ ގުޅިގެން ގާނޫނީ ވަކީލު ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ކަމަށްވިއަސް އާންމު އެހެން ރައްޔިތުންނާ ތަފާތު ކުރެވިގެން ނުވާނެ ކަމަށާއި ފުލުހުން ކުށް ކުރާ މައްސަލަތަކުގައި ވެސް އެ މީހުން ހައްޔަރުކޮށް ކުރި ކަންތައްތައް ފުލުހުންގެ އިދާރާއަށް ބެލެން ޖެހޭނެ ކަމަށެވެ.

އާންމު އުސޫލާ އެއް ގޮތަށް، ރޭގެ ކުށުުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުސް އޮފިސަރުންތައް ހައްޔަރުކޮށް ބަންދާ ގުޅޭ ގޮތުން ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރަން ޖެހޭނެ ކަމަށާއި ގާނޫނުލް އުގޫބާތުގައިވާ ގޮތަށް 30 ދަވަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހަމައަށް މައްސަލަ ގެންދަން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެ ކަމުގެ ކްރިމިނަލް ބައި ނުބަލަންޏާ ވަޒީފާާއިން ވަކިކޮށްފައި ނިންމާލީމަ ކަޑައޭނު. މީގެ ކުށުގެ ބައި ބަލަން ޖެހޭ. މިއީ އާންމު ރައްޔިތެއް ކުރި ކަމެއް ކަމަށް ވާނަމަ މިހާރު ހުންނާނީ ހައްޔަރުކޮށްފައި. މި އޮފިސަރުން ތިބޭނީ ސަސްޕެންޑް ކުރިއަސް އެ މީހުންގެ ގޭގައި އާއިލާތަކާ އެކުގައި ނޫންތޯ. ފުލުހުންނަށް ވިއަސް އެހެން އާންމު ރައްޔިތުންނާ ތަފާތުވެގެން ނުވާނެ،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނީ ވަކީލު ހުސައިން ޝަމީމް ކުރެއްވި ޓްވީޓް

ގާނޫނީ ވަަކީލު މައުމޫން ހަމީދު ވިދާޅުވީ ފުލުސް އޮފިސަރުންތަކެއް ހިންގި އޮޕަރޭޝަނެއްގައި ތުހުމަތު ކުރެވޭ މީހާއަށް އަނިޔާ ކުރުމުން އެއްވެސް ކަމެއް ނުކޮށް ދޫކޮށްލުމުގެ ބަދަލުގައި ވަގުތުން މައްސަލަ ބަލަން ފަށައި އޮފިސަރުންނާ މެދު ފިޔަވަޅު އަޅަން ނިންމުމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ތައުރީފު ހައްގު ކަމަށެވެ.

ނަމަވެސް އޮފިސަރުން ހަމައެކަނި ސަސްޕެންޑް ކުރަން ނިންމި ނިންމުމަކީ މައްސަލައާ ގުޅިގެން އެޅި އެންމެ އެކަށީގެންވާ ހަރުދަނާ ފިޔަވަޅެއް ނޫން ކަމަށެވެ. މީހަކަށް އަނިޔާ ކުރުމަކީ ކުށެއް ކަމަށާއި އަދި ކުރި ކުށުގެ ހެކިތައް ނައްތާލުމަށްޓަކައި އާންމުންގެ ގޭގެއަށް ވަދެ އިންޒާރު ދިނުމަކީ އިތުރު ކުށަކަށްވާއިރު އެ މީހުން ހައްޔަރު ކުރަން ޖެހޭ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

"އެ މީހުން ކުށަށް އަރައިގެންފައި ވަނީ އެ އޮފިސަރުންނަށް ލިބިފައިވާ ފުލުހުންގެ ބާރުގެ ބޭނުން ގޯސްކޮށް ހިފައިގެން، އެއީ އެ މީހުން ހައްޔަރު ކުރަން ޖެހޭނެ އިތުރު ސަބަބެއް. ފަހުން އޮފިސަރުން މީހަކަށް އަނިޔާކުރި ކަމުގެ ހެކިތައް ނައްތާލަން މަސައްކަތް ކުރުމާއި އިންޒާރުތައް ދިނުމުގެ ކަންކަން ކޮށްފައި އޮތުމަކީ އެ މީހުން ހައްޔަރު ކުރުން ނޫން ފިޔަވަޅެއް އޮތް ކަމެއް ނޫން،" މައުމޫން ހަމީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އެސްޖީ އަނަސް އަބްދުލްސައްތާރު ވިދާޅުވި ގޮތުގައި ފުލުހުން އެ އޮޕަރޭޝަން ހިންގީ އޭނާގެ ގޭގެ ކުރިމައްޗަށް ހުންނަ ގެއެއްގަ އެވެ. އަދި އާންމުވި ވީޑިއޯގައި ފެންނަ ފުލުހުންތައް ފަހުން އަނަސްގެ ގެއަށް އައިސް އާންމުވި ވީޑިއޯއާ މެދު ސުވާލު ކުރި ކަމަށާއި އެ ވީޑިއޯ ނެގީ އަނަސްގެ ގޭގައި އުޅޭ މީހުން ކަމަށް އޮފިސަރުން ތުހުމަތު ކުރި ކަމަށެވެ. އަދި ގޭގައި އުޅޭ މީހުންގެ ފޯނުތައް ޗެކްކުރަން މަސައްކަތްކޮށް ވީޑިއޯއެއް ނެގިނަމަ ޑިލީޓް ކުރަން އިންޒާރު ދިން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.

ގަނޫނީ ވަކީލެއް ކަމަށްވާ މުހައްމަދު ޝަފީއު ވިދާޅުވި ފުލުހުން މީހަކަށް އަނިޔާ ކުރި މައްސަލާގައި ހަމައެކަނި ސަސްޕެންޑް ކުރަން ނިންމި ނިންމުމަށް ތާއީދު ކުރެވެން ނެތް ކަމަށާއި އެ މީހުން ހައްޔަރު ކުރަން ޖެހޭނެ ކަމަށެވެ.

"އޮފިސަރުން ކޮށްފައިވަނީ ބޮޑު ކުށެއް. އޮފިސަރުން ވަނީ މީހަކަށް ހަމަލާ ދީފައި އަދި ހަށިގަނޑަށް ޒަހަމްތައް ލިބޭ ވަރަށް އަނިޔާކޮށްފައި. އަދި އެ ވަރުން ނުވެގެން އޮފިސަރުން ވަނީ އާންމުންގެ ގޭގެއަށް ވަދެ އެ މީހުން އަނިޔާކުރި ކަމުގެ ހެކިތައް ނައްތާލަން ވެސް މަސައްކަތްކޮށްފައި. އެ މީހުން ހައްޔަރު ކުރަން ޖެހޭ،" ގާނޫނީ ވަކީލު މުހައްމަދު ޝަފީއު ވިދާޅުވި އެވެ.

ވަކީލު މުހައްމަދު ޝަފީއު ކުރެއްވި ޓްވީޓް

"އެ އޮފިސަރުން ހައްޔަރު ކުރަންވީ. އެ މީހުން އެ ތިބީ ރައްޔިތުންގެ ރައްކާތެރި ކަމަށް މަސައްކަތް ކުރާނެ ކަމަށާއި ގާނޫނު ދަމަހައްޓާނެ ކަމަށް ހުވާކޮށްގެން. އެ ހުވައާއި އެ އޮފިސަރުން ވަނީ ހިލާފުވެފައި. އަދި އެއްވެސް ރަހުމެއް ނެތި ބަޔަކަށް އަނިޔާކޮށްފައި. އެއަށް ފުލުން އޮފިސަރުންނޭ ވެސް ނުކިޔާނެ. އެއީ ހަމަ ކުށްވެރިން. އެ މީހުން ހައްޔަރުކޮށް ފުލުހުންގެ މަސްއޫލިއްޔަތު އަދާ ކުރަންވީ،" މަޖިލީހުގެ ރައީސް، ކުރީގެ ރައީސް ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށް އުމޭ މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވެ އެވެ.

"މިއީ ސުލޫކީ މައްސަލައެއް ނޫން. ފުލުސް އޮފިސަރުން އެ ވަނީ ސީރިއަސް ކުށެއް ކޮށްފައި. އަދި ފަހުން ވަނީ ކުށް ކުރި ކަމުގެ ހެކިތައް ނައްތާލަން އެ ފަހަތުން ވެސް ގޮސްފައި. އަހަރެމެންނަށް ޖެހޭނީ ފުލުހުންނަށް ގާނޫނު ކިޔައިދެންތޯ. އެ މީހުން މިހާރުން މިހާރަށް ހައްޔަރު ކުރަން ޖެހޭ." އިމޫގެ ނަމުގައި ހަދާފައިވާ ޓްވީޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ލިޔެފައިވެ އެވެ.

ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮފިސަރުން ކުރި ކުށުގެ ބައި ވެސް ބަލާނެ ކަމަށާއި ތަހުގީގުގެ މައުލޫމާތު އާންމު ކުރާނެ ކަމަށެވެ. ނަމަވެސް ކުށުގެ މައްސަލަ ބަލާއިރު ފުލުސް އޮފިސަރުން ހައްޔަރު ކުރާނެ ކަމަށް ހަމީދު ވިދާޅެއް ނުވެ އެވެ. މި މައްސަލައިގެ އެތެރޭގެ ތަހުގީގު ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އިން ކުރަމުންދާއިރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.