ކުޅިވަރު

ގޭމްސްއަށް އެހީތެރިކަން ހޯދަން ޝާހިދާއި މަހްލޫފް ގައުމުތަކަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2023 ގެ މުބާރާތުގެ ބިޑް ކާމިޔާބު ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބުންގެ ގޮތުގައި، ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އާއި ފޮރިން އެފެއާޒް މިނިސްޓަރު އަބްދުﷲ ޝާހިދު ޝީޝެލްސް، ކޮމޮރޯސް އަދި މޮރިޝަސްއަށް މިރޭ ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކަށް، ހާއްސަކޮށްގެން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގޭމްސްގެ 2023ގެ އެޑިޝަން ރާއްޖޭގައި ބާއްވާނަމަ ރާއްޖޭގައި ހުރި ވަސީލަތްތަކާއި ފުރުސަތުތައް ދެނެގަތުމަށް އައިއޯއިޖީގެ ކައުންސިލުން ރާއްޖެއަށް ކުރި ދަތުރާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ގައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރުމަށް އެޕޮއިންޓްމެންޓްވެސް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން އަޅުގަނޑާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ދެ މީހުންވެސް އެބަފުރަން މި ގައުމުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުންގެ ގޮތުގައި، އަޅުގަނޑުމެން މިދަނީ ހަމަ މި މަސަްކަތަށް،" މަހްލޫފް ވިދާޅުވި އެވެ. "މިހާރުވެސް ޝީޝެލްސްގެ ރައީސް އާއި ކޮމޮރޯސްގެ ބޮޑުވަޒީރާއި މޮރިޝަސްގެ ބޮޑުވަޒީރުގެ އެޕޮއިންޓްމެންޓް ހުރީ ހަމަޖެހިފަ."

ވަޒީރު ވިދާޅުވީ، އެ ގައުމުތަކަށް ދަތުރު ކުރަނީ އެ ގައުމުތަކުގެ ސަރުކާރުން ރާއްޖެއަށް ފުރުސަތުތައް ހޯދުމަށް ކަަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރާއި އޮލިމްޕިކް ކޮމިޓީ ކުރަމުންދާ މަސައްކަތާއެކު ރާއްޖެއަށް ގޭމްސްގެ ބިޑް ކާމިޔާބު ކުރެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

އައިއޯއަޖީ ކައުންސިލްގެ ރައީސް އެންޓޯނިއޯ ގޯޕާލް ވިދާޅުވީ ބިޑް ކާމިޔާބު ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. ގޭމްސް ބާއްވާ ގައުމު ފައިނަލު ކުރާނީ މި މަހު 18 ވަނަ ދުވަހު ބާއްވާ އައިއޯއަިޖީގެ ގައުމުތަކުގެ ބައްދަލުވުމުގަ އެވެ. ރާއްޖޭގެ އިތުރުން ގޭމްސް ބޭއްވުމަށް ބިޑު ކޮށްފައި ވަނީ މަޑަގަސްކަރަ އާއި ކޮމޮރޯސް އެވެ.