އަބްދުﷲ ޝާހިދު

އައިއޯއަޖީ ރޭހުގައި ރާއްޖެއަށް ޝާހިދުގެ "ޑިޕްލޮމަސީ"

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތުގެ 2023 ގެ ގޭމްސްގެ ބިޑް ރާއްޖެއަށް ކާމިޔާބު ކުރުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ އިސް އެއް ޕްރިއޯރިޓީގެ ގޮތުގައި މި ވަގުތު އޮތް މަސައްކަތެވެ.

އައިއޯއައިޖީ ހޯސްޓް ކުރުމުގެ ރޭހުގައި ރާއްޖެއިން ވާދަ ކުރަނީ ކޮމޮރޯސް އާއި މަޑަގަސްކަރައާ އެވެ. ޖިއޮގްރާފީގެ ގޮތުން ބަލާއިރުވެސް ކޮމޮރޯސް އާއި މަޑަގަސްކަރައަކީ، އައިއޯއައިޖީގެ އެހެން ގައުމުތަކާ ކައިރީގައި އޮތް އަދި މާ ގާތް ގުޅުމެއް އޮތް ދެ ގައުމެވެ. އެހުރިހާ ގައުމުތަކާ ވަކިން މާ ދުރުގައި މިއޮތީ ރާއްޖެ އެވެ.

މި ދެ ގައުމާ ރާއްޖެއިން ވާދަ ކުރާނަމަ ކުޅިވަރު ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާގެ ޕްލޭން އެކަނި ހުށަހަޅައިގެން ރާއްޖެއަށް ބިޑު ކާމިޔާބު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ، ރައީސް އިބްރާހިމް މުހައްމަދު އެކަމަށް ބޭނުން ހިއްޕެވީ، ހާރީޖީ ވަޒީރު އަބްދުﷲ ޝާހިދުގެ "ޑިޕްލޮމަސީ" އެވެ.

ރާއްޖޭގެ ފޮރިން ޕޮލިސީ އެ ގައުމުތަކަށް ހުށަހަޅުއްވައިގެން ނޫނީ، ގޭމްސްގެ ބިޑު ރާއްޖެއަށް ކާމިޔާބު ކުރުމަކީ ނުވާނެ ކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ. ސަރުކާރުންވެސް އިހްތިޔާރު ކުރީ އެ މަގެވެ. ފޮރިން މިނިސްޓަރު ޝާހިދާއި، ކުޅިވަރު މިނިސްޓަރު އަހުމަދު މަހްލޫފް، އައިއޯއައިޖީގެ ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަނީ ޝީޝެލްސްއަށް ވަޑައިގެން އެ ގައުމުގެ ރައީސް ޑެނީ ފޯރޭ އާ ބައްދަލު ކުރައްވާފަ އެވެ.

މި މަހު 18 ވަނަ ދުވަހު ފަށާ ގޭމްސްގެ ކުރިން އައިއޯއައިޖީގެ ގައުމުތަކުން، 2023 ގެ ގޭމްސް ބާއްވާނެ ގައުމެއް ކަނޑައަޅާނެ އެވެ. އެ ބައްދަލުވުމުގައި ޝީޝެލްސްއިން ރާއްޖެއަށް ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ޑެނީ ފޯރޭ ދެ ވަޒީރުންނަށް ދެއްވި އެވެ.

އެ ދަތުރުފުޅުގައި، ގޭމްސްއަށް ބިޑު ކޮށްފައިވާ ކޮމަރޯސްގެ ބޮޑު ވަޒީރާ ބައްދަލު ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. ބިޑު ހުށަހަޅާފައިވާ ގައުމަކާއެކު ވާހަކަތައް ކުރިއަށް ގެންދަވާއިރު، ޑިޕްލޮމަސީގެ މުހިންމުކަން ބޮޑެވެ. މި ދަތުރުގައި ދެން އޮތީ މި އަހަރުގެ ގޭމްސް ބާއްވާ މޮރިޝަސް އެވެ. ދެ ގައުމުގެ ދެމެދުގައި ވާހަކަތައް ކާމިޔާބު ވެއްޖެނަމަ މޮރިޝަސްގެ ތާއިދުވެސް ރާއްޖެއަށް ލިބޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެ އެވެ.

މޮރިޝަސްގައި މި މަހު 18 ވަނަ ދުވަހު ފަށާ، މި އަހަރުގެ ގޭމްސް ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެއަށްވެސް ލިބެން އޮތް ކަމަށް، އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެރެޓަރީ، އަހްމަދު މަރުޒޫގް އޭރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެވެ. އެހެންނަމަވެސް އޭރުގެ ސަރަކާރުގެ ޝައުގުވެރިކަން އެހާ ބޮޑަށް އެކަމަށް އަމާޒުވާ ގޮތެއް ނުވި އެވެ.

އޭރުގެ ސަރުކާރަށް އެކަން މުހިންމު ކަމަކަށް ނުވިނަމަވެސް، މި ސަރުކާރުން އެކަމަށް ގެންގުޅެނީ ފުޅާ ވިސްނުމެކެވެ. މި ސަރުކާރުގެ ދައުރުގައި ރާއްޖޭގައި ބައިނަލްއަގްވާމީ ގޭމްސްއެއް ބޭއްވުމަކީ ސަރުކާރުގެ ޓާގެޓެއްގެ ގޮތުގައި ކަނޑައެޅި އެވެ. އަދި އެކަން ސަރުކާރުގެ ކުޅިވަރުގެ ވައުދުތަކާ ގުޅުވާލައި ރާއްޖެއިން ރަސްމީކޮށް ބިޑު ހުށަހެޅި އެވެ.