ކޮންމެ ހަތަރަ އަހަރަކުން އެއް އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ގައި ރާއްޖޭގައި ބޭއްވުމަށް، ޝީޝެލްްސްއިން ތާއީދު ކޮށްފި އެވެ.
ހަތަރު އަހަރު ފަހުން އޮންނަ މުބާރާތަށް ބިޑު ހުށަހަޅާފައި ވަނީ، ރާއްޖޭގެ އިތުރުން ކޮމޮރޯސް އާއި މަޑަގަސްކަރަ އެވެ. ރާއްޖޭގައި ގޭމްސް ބާއްވަން އައިއޯއައޖީގެ ގައުމުތަކުގެ ތާއީދު ހޯއްދެވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާއްސަ މަންދޫބުންގެ ގޮތުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އައިއޯއައިޖީގެ ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ޝީޝެލްސްއަށް ވަޑައިގެން އެ ގައުމުގެ ރައީސް ޑެނީ ފޯރޭ އާ މިއަދު ބައްދަލު ކުރައްވާފަ އެވެ.
ދެ ވަޒީރުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 2023 ގެ ގޭމްސް ބާއްވަން ރާއްޖެއިން ހުށަހަޅާފައިވާ ބިޑަށް ޝީޝެލްސްއިން ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑެނީ ފޯރޭ ދެއްވާފައިވާ ކަމަށެވެ. މަހްލޫފް އާއި ޝާހިދުގެ ދަތުރުފުޅުގައި މޮރިޝަސްގެ އިތުރުން މުބާރާތަށް ބިޑު ހުށަހަލާފައިވާ އަނެއް ގައުމު ކޮމޮރޯސްއަށްވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ގޭމްސް ބާއްވާ ގައުމު ފައިނަލު ކުރާނީ މިއަހަރު ގޭމްސް ބާއްވާ މޮރިޝަސްގައި މި މަހު 18 ވަނަ ދުވަހު ބާއްވާ އައިއޯއައިޖީގެ ގައުމުތަކުގެ ބައްދަލުވުމުގަ އެވެ. މިދިޔަ ހަފުތާގައި އައިއޯއައިޖީގެ ކައުންސިލުގެ ރައީސް އެންޓޯނިއޯ ގޯޕާލް އާއި ކައުންސިލުގެ ބައެއް މެންބަރުން ވަނީ ރާއްޖެއަށް ވަޑައިގެން ގޭމްސް ރާްޖޭގައި ބާއްވާނަމަ ރާއްޖޭގައި ހުރި ވަސީލަތްތަކާއި ފުރުސަތުތައް ބައްލަވާލެއްވުމަށް މާލެ ވަޑައިގެންފަ އެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ދިވެހި މީޑިއާތަކާ ވާހަކަ ދައްކަވަމުން އެންޓޯނިއޯ ގޯޕާލް ވިދާޅުވީ ގޭމްސް ބާއްވަން ރާއްޖެއިން ކުރަމުންދާ މަސައްކަތާމެދު ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާ ކަމަށެވެ.