ކުޅިވަރު

ބިޑް ކާމިޔާބު ކުރަން ރާއްޖެ ކުޅުނު ގޭމް!

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ކުޅިވަރު މުބާރާތުގެ 2023 ގެ ގޭމްސް ރާއްޖެއިން ކާމިޔާބު ކުރީ، ބިޑްގެ ރޭހުގައި ރާއްޖެއާ ދެކޮޅަށް ނުކުތް މަޑަގަސްކަރަ އާއި ކޮމޮރޯސްގެ މައްޗަށް ބޮޑު ތަނުން ކާމިޔާބު ހޯދައިގެނެވެ.

ކޮމޮރޯސް އާއި މަޑަގަސްކަރައަކީ އައިއޯއައިޖީގެ މެންބަރު ގައުމުތަކުގައި ރާއްޖެއަށް ވުރެ މާބޮޑަށް ވެސް މަގުބޫލު ދެ ގައުމެވެ. ޖިއޮގްރާފީގެ ގޮތުން ބަލާއިރު ވެސް އެ ދެ ގައުމަކީ އާއި އައިއޯއައިޖީގެ އެހެން ގައުމުތަކާ ކައިރީގައި އޮތް އަދި މާ ގާތް ގުޅުމެއް އޮތް ދެ ގައުމެވެ. އެ ހުރިހާ ގައުމުތަކާ ވަކިން މާ ދުރުގައި އޮތީ ރާއްޖެ އެވެ. ގޭމްސްގެ ބިޑް ކާމިޔާބު ކުރުމުގައި ސަރުކާރުގެ ޕްލޭން އެކުލަވައިލީ އެ ދެ ގައުމަށްވުރެ ވެސް މޮޅަށެވެ.

ބިޑު ކާމިޔާބު ވުމުގެ މާ ކުރިންވެސް ސަރުކާރުން ވާހަކަ ދައްކަމުން ދިޔަ ރާގުން ރާއްޖެއަށް ބިޑް ކާމިޔާބު ކުރެވޭނެ ކަމުގެ ބޮޑު ޔަގީންކްން އޮތްކަން އެނގެ އެވެ. މި އަހަރުގެ ގޭމްސްއަށް ދިވެހި ކޮންޓިންޖެންޓް ފުރުމުގެ ކުރިން ރައީސް އޮފީހުގައި، ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވެސް ގެންގުޅުއްވީ ގޭމްސްގެ ބިޑް ރާއްޖެއަށް ކާމިޔާބު ވާނެ ކަމުގެ ފުރިހަމަ ޔަގީން ކަމެކެވެ.

ގޭމްސްގެ ވާހަކަ ސަރުކާރުން އެންމަ ބާރަށް ދައްކަވަން ފެއްޓެވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސްޕޯޓްސް މިނިސްޓަރު އައިއޯއައިޖީގެ ހަތަރު ގައުމަކަށް ކުރެއްވި ދަތުރާ ހަމައިންނެވެ، ދެ ވަޒީރުން އެކުގައި ފެއްޓެވި ރަސްމީ އެ ދަތުރުފުޅުގެ ކުރިންވެސް ރާއްޖެއަށް ގޭމްސްގެ ބިޑު ކާމިޔާބު ކުރެއްވުމަށް ޝާހިދުގެ އިސްނެންގެވުމުގެ މަތިން ފޮރިން މިނިސްޓްރީން ވަނީ މަގެއް ކޮށާފަ އޮތެވެ.

އެ ދަތުރުފުޅު ފެއްޓެވީވެސް، މަޔޯޓޭ އާއި ރީޔޫނިއަންގެ ވޯޓް ކަށަވަރު ކުރައްވާފަ އެވެ. މަޔޯޓޭ އާއި ރީޔޫނިއަން އަކީ ފްރާންސްގެ ގާނޫނު ހިނގާ ފްރާންސްގެ ދެ ކޮލަނީ އެވެ. އެ ދެ ގައުމުގެ ވޯޓް ހޯދަން ސަރުކާރުން ސީދާ އެދިވަޑައިގެންނެވީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އަރިހުގަ އެވެ.

ދިވެހި ސަރުކާރުން، ފްރާންސްގެ ރައީސަށް އެކަން ދެންނެވީ ސްރީ ލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސެޑަރު އެރިކް ލެވާޓޫ މެދުވެރި ކުރައްވަ އެވެ. އެކަމަށްޓަކައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް ލަންކާއަށް ވަޑައިގެން އެމްބަސެޑަރާ ލެވާޓޫ އާބައްދަލު ކުރެއްވި އެވެ. ރާއްޖެއިން އެކަމަށް ރަސްމީކޮށް އެދިވަޑައިގެންފައިވާ ސިޓީ ފުޅު އެމްބަސެޑަރުގެ އަޮތްޕުޅަށް އެރުއްވި އެވެ.

"އެ ސިޓީއަށް ޖަވާބު ދެއްވައި ފްރާންސްގެ ސަރުކާރުން ވެސް ވިދާޅުވެފައި އޮތް ރާއްޖެއަށް ވޯޓް ދޭނެ ކަމުގެ ކަން ދީފައި،" ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު އަވަސް އަށް ވިދާޅުވި އެވެ. "އެހެންވެ މާ ކުރިން ވެސް އެނގޭ ރާއްޖެއަށް ކާމިޔާބު ކުރެވޭނެ ކަން."

ޝާހިދު އާއި ސްޕޯޓް މިނިސްޓަރު ފެއްޓެވި ދަތުރުފުޅުގައި، ޝީޝެލްސްގެ ރައީސް ޑެނީ ފޯ އާ ބައްދަލު ކުރެއްވި އެވެ. އެ ބައްދަލު ވުމުގައި ޝީޝެލްސްއިން ރާއްޖެއަށް ވޯޓް ދެއްވާނެ ކަމުގެ ޔަގީން ދެއްވި އެވެ. އެއާއެކު ސަރުކާރަށް އެކަމުގެ ޔަގީންކަން އިތުރަށް ބޮޑުވެގެން ދިޔަ އެވެ.

އައިއޯއަޖީ ރޭހުގައި ރާއްޖެއަށް ޝާހިދުގެ "ޑިޕްލޮމަސީ"

"މޮރިޝަސްގެ ބޮޑު ވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި ސީދާ ވިދާޅެއް ނުވޭ ވޯޓް ދެއްވާނެ ވަކިގޮތެއް،" އޮފިޝަލް ވިދާޅުވި އެވެ. "އެހެންނަމަވެސް ރީޔޫނިއަން އާއި ޝީޝެލްސް އަދި ރާއްޖޭގެ އަމިއްލަ ވޯޓާ އެކު ޖުމުލަ ތިން ވޯޓްގެ ޔަގީން ވެއްޖެކަން އެނގުނު ހިސާބުން ރައީސް ވެސް އަދި މިނިސްޓަރު ޝާހިދުވެސް އެހާ ޔަގީން ކަމާއެކު 2023 ގެ ގޭމްސް ރާއްޖޭގައި ބާއްވާނެ ކަމަށް ވާހަކަ ދެއްކެވީ."

މިއަދު ހެނދުނު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގެ ކައުންސިލް ބައްދަލު ވުމުގައި ރާއްޖޭގެ ކޮޅަށް ވޯޓް ދިނީ ރީޔޫނިއަން އާއި ޝީޝެލްސްގެ އިތުރުން މޮރިޝަސް އެވެ. އަދި ރާއްޖޭގެ އަމިއްލަ ވޯޓާއެކު ޖުމުލަ ހަތަރު ވޯޓެވެ. ކޮމޮރޯސް އާއި މަޑަގަސްކަރަ އަށް، ކޮންމެ ގައުމަކަށް އެއް ވޯޓެވެ.

ގޭމްސްއަށް ތައްޔާރު ވުމަށް ރާއްޖެއަށް ތިން އަހަރު އޮތްގޮތަށް އެބައޮތެވެ. އެ ގޭމްސް ބާއްވަން އެކަމަށް ހާއްސަކޮށް ބޮޑެތި ހަރަދު ތަކެއް ނުކޮށް ގައުމީ ތަރައްގީގެ މަޝްރޫއުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅވެފައި ވަނީ، އައިއޯއައިޖީ ފަދަ ބޮޑު މުބާރާތެއް ބާއްވަން ރާއްޖެއިން ވާހަކަ ދައްކާއިރު ބައެއް ބޭފުޅުންގެ ކަންބޮޑުވުންތަކެއް ވެސް ހުންނާނެ ކަމަށާއި އަދި އެކަމަށް ބޭނުންވާ ކުޅިވަރު ސްޓޭޑިއަމްތާކާ ކޯޓްތައް ބިނާ ކުރަނީ ކިހިނެއްތޯ އާއި އެކަމުގެ މާލީ ތަނަވަސްކަން ރާއްޖޭގައި އެބަހުރި ތޯވެސް ސުވާލު އުފައްދާފާނެ ކަމަށެވެ. އެހެން ވިދާޅުވެ އެމަނިކުފާނު ވަނީ އެކަމަށް ސަރުކާރުން ގެންގުޅުވާ ވިސްނުން ހާމަ ކުރައްވާފަ އެވެ.

"ސީދާ އެ މުބާރާތަށް އަމާޒުކޮށްގެން ބޮޑެތި ހަރަދު ތަކެއް ކުރާކަށް އަޅުގަނޑުމެން ގަސްތެއް ނުކުރަން،" ރައީސް ވިދާޅު ވެފައިވެ އެވެ. "އަޅުގަނޑުގެ ވިސްނުން ހުރީ ރާއްޖޭގެ ގައުމީ ތަރައްގީގެ މަޝްރޫތަކާ ގުޅުވައިގެން އެ މުބާރާތް ރާއްޖޭގައި ބޭއްވުން."

ގޭމްސް ހާއްސަކޮށް ސަރުކާރުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ނުކުރި ނަމަވެސް، އެ މުބާރާތަށް އެތުލީޓުން ތައްޔާރު ކުރުމަށް ސަރުކާރުގެ ފުރިހަމަ އެހީތެރި ކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީކަން ރައީސް ދެއްވި އެވެ.

"ސަރުކާރުން މިހާރު ގަސްތުކޮށްފައި އޮތީ 2023 ގައި ރާއްޖޭގައި ބާއްވަން އުންމީދު ކުރާ ގޭމްސްއަށް ދިވެހި ކުޅުންތެރިން ތައްޔާރު ކުރުމުގެ މަސައްކަތް ދުރާލައި ފެށުން،" ރައީސް ކުރިން ވިދާޅުވެފައި ވެއެވެ. "މި އަހަރުގެ މުބާރާތް ނިމުމުން ހަތަރު އަހަރަށް އަމާޒުކޮށްގެން އެތުލީޓުންގެ ޑިވްލަޕްމެންޓަށް މަސައްކަތް ފެށިގެންދާނެ."