ހަބަރު

ބާ ކައުންސިލް އިންތިހާބު: ނަންތައް ތަރުތީބުކޮށް، ކެމްޕެއިނަށް ހުޅުވާލައިފި

ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލީ ފަރާތްތަކުގެ ކެނޑިޑޭޓް ނަންބަރުތައް ތަރުތީބުކޮށް، ކެމްޕެއިނަށް ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ އިދާރާ، ބާޖަމާލުއްދީން ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ކެނޑިޑޭޓުންގެ ނަންބަރުތައް ވަނީ ތަރުތީބުކޮށްފަ އެވެ. ކައުންސިލަށް ރައީސާއި، ނައިބް ރައީސެއްގެ އިތުރުން، މެމްބަރުގެ ގޮތުގައި ހަ މީހަކު އިންތިހާބު ކުރުމަށް ވަނީ ނިންމާފައެވެ. ދެން އެ ކައުންސިލްގައި އިންނަވާނީ ބަންޑާރަ ނައިބެވެ.

ބާ ކައުންސިލްގެ ރައީސް ކަމަށް ދެ ބޭފުޅަކު، ނައިބް ރައީސް ކަމަށް ދެ ބޭފުޅަކު އަދި މެމްބަރު ކަމަށް 19 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ. ރައީސް ކަމަށް ކުރިމަތިލާފައިވަނީ، ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ހުސްނުއްސުއޫދާއި، މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. ނައިބް ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ ކުރިން ބަންޑާރަ ނައިބްކަން ކުރައްވާފައިވާ އަބުދުﷲ މުއިއްޒުއާއި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާފައިވަނީ، އަލީ ނަސީރު ގާސިމް، ޝަބާބު ރަޝީދު، އައިމިނަތު އަރީޖު ހުސައިން، އަނާރާ ނައީމް، އަހުމަދު މުއިޒު، މުހައްމަދު ޝަފާޒު ވަޖީހު، ޑރ.މުހައްމަދު އިބްރާހިމް، ޒުބައިރު އަހުމަދު މަނިކު، މުހައްމަދު ފައިސަލް، އަބުދުއްސަލާމް އާރިފު، އަނަސް އަބުދުއްސައްތާރު، މުހައްމަދު ވަހީދު ނަޖީބު، ސަފާ ޝަރީފު، އަބުދުލް މާނިއު ހުސައިން، މުހައްމަދު ފަރީދު، ޒިމްނާ އަބުުދުލް މުހުސިން، އައިޝާ ސުޖޫން، މުހައްމަދު އަސީލާއި، އަލީ ޝާހު އެވެ.

އެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން، އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ، ނަންތައް ތަރުތީބު ކުރެވުމާއެކު، ކެމްޕެއިނަށް ހުޅުވާލީ ކަމަށާއި، އަންނަ ހޮނިހިރު ދުވަހު ހެނދުނު ނުވައަކުން ހަވީރު ފަހަކަށް އިންތިހާބު އޮންނަ އިރު، އެހެން އިންތިހާބުތަކެކޭވެސް އެއްގޮތައް ހުކުރު ދުވަހުގެ އިރު އޮއްސި ހައެއް ޖަހަންދެން ކެމްޕެއިން ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި އެ އިންތިހާބާއި ގުޅިގެން 12 ޝަކުވާއެއް ލިބިފައިވާ ކަމަށާއި، އެކަންކަން ހައްލުކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން، އިންތިހާބުގެ ވޯޓްލުން އޮންނާނީ އީސީގެ އިންތިހާބީ މަރުކަޒުގައްޔާއި އައްޑޫ ސިޓީ ފޭދޫގައި ކަމަށް އަކުރަމް ވަނީ ވިދާޅުވެފަ އެވެ. ބާ ޖަމާލުއްދީނުގައި ދެ ފޮށި ބަހައްޓާއިރު، އައްޑޫގައި ހުންނަ ޝަރަފުއްދީން ސުކޫލުގައި އެއް ފޮށި ބަހައްޓާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ބާ ކައުންސިލްގެ އިންތިހާބަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ އިރު، އެ އިންތިހާބުގެ ވަގުތީ ނަތީއްޖާ 13 ވަނަ ދުވަހު އަދި ދާއިމީ ނަތީއްޖާ 14 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.