ނައުޝާގެ ހެލްތު ކޮލަމް

ސްޓްރޯކްއަށް ސަމާލުވޭ!

ސްޓްރޯކް ޖެހޭކަމީ އާންމުކޮށް އިވޭ އަޑެކެވެ. ހާއްސަކޮށް މިއީ އެކަމެއް މެދުވެރި ވުމަށް ފަހު މީހާއަށް ގިނަ ބަދަލުތަކަކާއި ނުކުޅެދުންތެރިކަމެއް މެދުވެރިވުމުގެ ފުރުސަތުތައް އޮންނަ ކަމެއް ކަމުން، މިއީ މީހުން އެ ކަމަކާ މެދު ބިރު ގަންނަ ކަމެއްވެސް މެއެވެ. ވީމާ ހަގީގަތުގައި ސްޓްރޯކެއް ޖެހުމަކީ ކޮބައިތޯ އެވެ؟ އަދި މިއީ އެކަމުން ރައްކާތެރި ވެވިދާނެ ކަމެއް ބާއެވެ؟ މި ހަފްތާގެ ލިޔުމުގައި މި ސުވާލު ތަކަށް ޖަވާބެއް ދެވޭތޯ ބަލައިލާނަމެވެ.

ސްޓްރޯކެއް ޖެހުމަކީ ކޮބަ؟

ސްޓްރޯކެއް ޖެހުމޭ ބުނެވެނީ ސިކުނޑީގެ ބަޔަކަށް ލޭ ނުލިބުމުގެ ސަބަބުން ދިމާވާ ގެއްލުން ތަކަށެވެ. އެހެނީ އެއީ ހިތުން ފޮނުވާދޭ ލޭ ސިނކުޑިއަށް ގެންގޮސްދޭ ލޭ ހޮޅިއެއް ކޮންމެވެސް ސަބަބަކާހުރެ ބެދުމުން ނުވަތަ ފަޅައިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން އެ ލޭ ހޮޅި ލޭ ފޯރުކޮށްދޭ ސިނކުޑީގެ ބަޔަށް ލޭ ލިބުމަށް ހުރަސް އެޅި، ސިކުނޑީގެ އެ ހިސާބަށް ބޭނުންވާ އޮކްސިޖަންއާއި ކާނާ ނުލިބުމުގެ ސަބަބުން ދިމާވާ ގެއްލުންތަކެވެ.

އެގޮތުން ފަރުވާ ނުލިބި ގިނަ އިރުތަކެއް ވެއްޖެނަމަ ސިނކުޑީގެ އެ ހިސާބު އަދާ ކުރާ މަސްއޫލިޔަތު ދާއިމީގޮކޮށް ނުކުރެވޭ ގޮތް މެދުވެރިވުން ގާތެވެ. އަދި ސްޓްރޯކް ޖެހުުމުގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެއްފަޅިން ނުވަތަ މުޅި ހަށިގަނޑުންވެސް ބާރު ދަށްވެ ބަލިކަށިވުމަށް މެދުވެރިވެ އެވެ. މި ސަބަބަށްޓަކާ ސްޓްރޯކް ޖެހުމަށް އެއްފަޅިން ވާގިނެތޭ ބަލީގެ ގޮތުގައިވެސް ނިސްބަތް ކުރެއެވެ.

ސްޓްރޯކް ޖެހުމުގެ އަލާމާތްތަކަކީ ކޮބާ؟

ސްޓްރޯކެއް ޖެހޭ ވަގުތު ތަޖުރިބާ ކުރެވިދާނެ ބައެއް އަލާމާތްތަކަށް ބަލައިލާއިރު ކުއްލިޔަކަށް މޫނު، އަތް، ފައި ނުވަތަ ހަށިގަނޑުގެ އެއް ފަރާތް ވާގި ނެތޭހެން ނުވަތަ އައްސިވާހެން ހީވެދާނެ އެވެ. އަދި ކުއްލިޔަކަށް ލޮލުގެ ފެނުން ދަށްވެ، ހާއްސަކޮށް އެއް ލޮލަށް މިހެން މެދުވެރިވާކަން ފާހަގަ ކުރެވިދާނެ އެވެ. މީގެ އިތުރުންވެސް، ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް މެދުވެރިވުން، މީހުނެ ބުނާ އެއްޗިހި ނަގައިގަތުމަށް އުދަނގޫވުން އަދި ކުއްލިޔަކަށް ބޯ އެނބުރުމާއި ސީދަލަށް ހިނގަން އުނދަގޫވެ ވެއްޓޭހެން ހީވުމަކީވެސް ސްޓްރޯކެއް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިފަދަ އަލާމާތްތައް ތަޖުރިބާ ކުރެވޭހެން ހީވެއްޖެނަމަ ލަސްނުކޮށް ވަށައިގެންވާ މީހުންގެ އެހީ ހޯދާ ވީހާވެސް އަވަހަށް ޑޮކްޓަރަކަށް ދެއްކުމަށް ދިއުން މުހިންމެވެ. އެހެނީ ސްޓްރޯކެއް ޖެހިގެން ސިކުނޑިއަށް ލިބޭ ގެއްލުމަކީ ދާއިމީ ގެއްލުމަކަށް ވިޔަ ނުދިނުމަށްޓަކައި ވީހާވެސް އަވަސް ފަރުވާ ދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އަދި ދޭންވާ ފަރުވާ ނުދެވި ލަސްވެއްޖެނަމަ ސްޓްރޯކެއްގެ ސަބަބުން ދުނިޔެ ދޫކޮށް ދިއުމަކީވެސް ވެދާނެ ކަމެކެވެ.

މިނީ ސްޓްރޯކަކީ ކޮބާ؟

ބައެއް ފަހަރު ކުރު މުއްދަތަކަށް ސްޓްރޯކްޖެހުން ކުރިމަތި ވެއެވެ. މިގޮތަށް ސްޓްރޯކް ޖެހުމަށް ކިޔަނީ ޓްރާންސިއެން އިސްކިމިކް އެޓޭކް ނުވަތަ މިނީ ސްޓްރޯކް އެވެ. މިގޮތަށް ސްޓްރޯކް ޖެހެނީ ސިކުނޑީގެ ވަކި ހިސާބަކަށް ކުރުމުއްދަތަކަށް (ގާތް ގަނޑަކަށް 15 ވަރަކަށް މިނިޓް ވަންދެން) ލޭ ލިބުން މެދު ކެނޑިއްޖެނަމަ އެވެ. އަދި މިފަދަ ހާލަތް ތަކުގައިވެސް މަތީގައި ބަޔާން ކުރެވުނު އަލާމާތްތައް އިހްސާސް ކުރެވުން ގާތެވެ. ވީމާ އެ އަލާމާތްތައް ކުޑަ ވަގުތުކޮޅަކަށްފަހު ރަގަޅު ވިނަމަވެސް އަޅާނުލާ ދޯކޮށް ލުމުގެ ބަދަލުގައި ޑޮކްޓަރަކަށް ދެއްކުން މުހިންމުވާނެ އެވެ. އެހެނީ މި ގޮތަށް ކުރު މުއްދަތަކަށް ސްޓްރޯކް ޖެހުމަކީ ހަގީގީ ސްޓްރޯކެއް ޖެހެން އުޅޭކަމުގެ އިންޒާރެކެވެ.

ސްޓްރޯކެއް ޖެހުމަށް މެދުވެރި ކުރުވާ ކަންތައްތަކެއް ވޭ ތަ؟

ސްޓްރޯކެއް ޖެހެނީ ސިކުނޑިއަށް ލޭ ފޮނުވާދޭ ލޭ ހޮޅިއެއް ބެދުމުން ނުވަތަ ފަޅައިން ދިއުމުންނެވެ. މިކަން މެދުވެރިވުމަށް މަގުފަހިކޮށް ސްޓްރޯކެއް ޖެހުމުގެ ފުރުސަތުތައް ބޮޑު ކޮށްދޭ ކަންކަން ބައިވަރެވެ. އޭގެ ތެރޭގައި ލޭގެ ޕްރެޝަރު މަތިވުން ފާހަގަ ކޮށްލަން ޖެހެ އެވެ. އެހެނީ ދިރާސާތަކުން ސާބިތުކޮށްދޭ ގޮތުގައި ލޭގެ ޕްރެޝަރު މަތިވުމަކީ ސްޓްރޯކެއް ޖެހުމުގެ ފުރުސަތުތައް އެތައް ގުނައެއް އިތުރު ކޮށްދޭ ކަމެކެވެ. މީގެ އިތުރުން:

  • ދުންފަތުގެ އިސްތިއުމާލުކުރުން
  • ސިއްހަތަށް ނުރައްކާވާ ވަރަށް ފަލަވުން
  • ކޮލެސްޓްރޯލް މަތިވުން
  • ހަކުރުބަލި ހުރުން (ކޮންޓްރޯލް ނުކުރެވި)

މި ކަންކަމުގެ އިތުރުން ތިމާއަށް ބަދަލު ނުގެނެވޭ ކަންކަން ކަމަށްވާ އުމުރުން ދުވަސްވުމާއި އާއިލާގެ ފަރާތުން ވާރުތަވުން (އާއިލާގައި ސްޓްރޯކެއް ޖެހިފައިވާ މީހެއް ހުރިނަމަ ތިމާއަށް ޖެހުމުގެ ފުރުސަތު ބޮޑުވުން) ފަދަ ކަންކަމަކީވެސް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު ކޮށްދޭ ކަންކަމެވެ.

އެއްފަހަރު ސްޓްރޯކެއް ޖެހުމަކީ ދެވަނަ ފަހަރަށް ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ބޮޑު ކޮށްދޭ ކަމެއް ތަ؟

އެއް ފަހަރު ސްޓްރޯކެއް ޖެހިއްޖެނަމަ ދެވަނަ ފަހަރަކު ސްޓްރޯކެއް އަނެއްކާ ޖެހުމުގެ ފުރުސަތު ބޮޑެވެ. ހާއްސަކޮށް ސްޓްރޯކް ޖެހުނުތާ އެއް އަހަރުވަންދެން މިކަމާ ސަމާލުވުން ވަރަށް މުހިންމު ވާނެއެވެ.

ސްޓްރޯކެއް ޖެހުމަށްފަހު ދިމާވެދާނެ މައްސަލަތަކަކީ ކޮބާ؟

  • ހަށިގަނޑުގެ އެއްފަރާތުގެ ބާރު ދެރަވުން ނުވަތަ ވާގި ނެތުން
  • ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުރުން
  • އެއްޗިހި ދިރުވަން އުނދަގޫވުން
  • ކުޑަކަމުދިޔުމުގަޔާއި ބޮޑުކަމުދިޔުމުގައި އުނދަގޫތަކެއް ހުރުން (މިސާލަކަށް: ކޮންޓްރޯލް ނުކުރެވުން/ ނުހިފެއްޓުން)
  • ހަނދާން، ވިސްނުން އަދި ކަންކަން ނިންމުމާއި މައްސަލަތައް ހައްލުކުރުން ފަދަ ކަންކަން ކުރުމުގައި އުނދަގޫތަކެއް ހުރުން
  • ފެނުން ބަދަލުވެ ގޯސްވުން
  • އައްސިވުން

މި ކަންކަމުގެ އިތުރުންވެސް ސްޓްރޯކެއް ޖެހުމަށްފަހު ވަރަށް ގިނަ ބަދަލުތަކެއް މީހާއަށް އައުން ގާތެވެ. އެހެނީ ވިސްނުމަށާއި ކަންކަން ނިންމުމުގައި އުނދަގޫތަކެއް ހުރެދާނެތީ ކާރު ސައިކަލް ފަދަ އެއްޗިހި ސްޓްރޯކެއް ޖެހުމަށްފަހު ދުއްވުމަކީ އެންމެ ބުއްދިވެެރި ކަމެއް ނޫނެވެ. އެހެނީ މިފަދަ ކަންކަން ކުރަންވާނީ ޑޮކްޓަރުގެ ލަފަޔަށް ފަހު ޑޮކްޓަރު އެކަންކަމަށް ހުއްދަ ދީފިނަމަ އެވެ. އެހެނީ މަގުމަތީގައި އުޅަނދުފަހަރު ދުއްވުމަކީ މީހާގެ ސަމާލުކަން ވަރަށް ބޮޑަށްވެސް މަގުމައްޗަށާއި ވަށައިގެން ދުއްވާ އެއްޗިއްސަށާއި މީހުންނަށް ދޭންޖެހޭ ކަމަކަށްވާތީ އެވެ.

މީގެ އިތުރުންވެސް ސްޓްރޯކަކަށްފަހު އިމޯޝަނަލީ ނުވަތަ މީހާއަށް ކުރެވޭ އިހްސާސްތަކަށްވެސް ގިނަ ބަދަލު ތަކެއް އަންނަކަން ފާހަގަ ކުރެވިފައިވެ އެވެ. އެގޮތުން އިހްސާސްތައް ކޮންޓްރޯލް ކުރުމުގައި އުނދަގޫތަކެއް ހުރެދާނެ އެވެ. މިސާލަކަށް މާ ބޮޑު ސަބަބެއްނެތި ކުއްލިޔަކަށް ރޮވުން ނުވަތަ ހޭން ފެށުން ފަދަ ކަންކަމެވެ. މިފަދަ ކަންކަން އާންމުގޮތެއްގައި ސްޓްރޯކް ޖެހުނުތާ ގިނަ ދުވަސްވާ ވަރަށް ރަގަޅު ވެގެން އާދެ އެވެ. މީގެ އިތުރުންވެސް މާބޮޑަށް ދެރަވެ މާޔޫސް ވުމަކީވެސް ސްޓްރޯކް ޖެހިފައިވާ ޕޭޝަންޓުންގެ ފަރާތުން ފެނިދާނެ ކަމެކެވެ. ވީމާ ސްޓްރޯކަށް ދެވޭ ފަރުވާގައި މި ކަންކަމަށްވެސް ފަރުވާ ދެވޭނީ މިފަދަ ކަންކަން އިހްސާސް ކުރެވޭނަމަ، އެކަން ދެނެގަނެ، ޑޮކްޓަރާ އެކަންކަން މަޝްވަރާކޮށްގެނެވެ.

ސްޓްރޯކެއް ޖެހުމުން ރައްކާތެރިވާނީ ކިހިނެތް؟

  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން
  • ބަނގުރާ ނުބުއިން
  • ލޭގެ ޕްރެޝަރު މަތިވިޔަނުދިނުން / ލޭމަށްޗާދާ ފަރާތެއް ނަމަ ލޭގެ ޕްރެޝަރު ވަކި މިނެއްގައި ކޮންޓްރޯލް ކުރުން
  • ހަކުރުބަލި ހުންނަ ނަމަ ހަކުރު ހުންނަ މިންވަރު އަބަދުވެސް ރައްކާތެރި މިނެއްގައި ކޮންޓްރޯލްކުރުން
  • ހެލިފެލިވެ އުޅުމަށްޓަކައި ގަވައިދުން ކަސްރަތުކުރުން
  • ބަރުދަން އެދެވޭ މިނެއްގައި ދެމެހެއްޓުން

ލޭގެ ޕްރެޝަރު މަތި ވުމަކީ ކުރިންވެސް ދަންނަވާލެވުނު ފަދައިން ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެއް ކަމުން ލޭ މައްޗަށްދާ ފަރާތްތަކުން ގަވައިދުން ޑޮކްޓަރަށް ދައްކާ ލޭގެ ޕްރެޝަރު މާ މަތިވިޔަ ނުދީ ކޮންޓްރޯލު ކުރުން ވަރަށް މުހިންމު ވާނެ އެވެ. އެހެނީ ގަވަތިދުން ޗެކްއަޕްތައް ހަދަންވާނެ އެވެ. އަދި އެއްވެސް ހާލަތެއްގައި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ދީފައިވާ ބޭސް ޑޮކްޓަރުގެ ލަފައަކާ ނުލާ ހުއްޓާލައިގެން ނުވާނެ އެވެ. މިއީ ލޭމައްޗަށްދާ ފަރާތްތަކަށް ސްޓްރޯކް ޖެހުމަށް މެދުވެރިކުރުވާ މައިގަނޑު އެއް ސަބަބެވެ. ހަމައެއާއެކު ޑޮކްޓަރުގެ ލަފަޔާއެކެ ސްޓްރޯކެއް ޖެހުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަންކަން ހުރި ނަމަ އެކަންކަން ކޮންޓްރޯލު ކުރުމަށް ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނެއުން މުހިންމުވާނެ އެވެ. އެހެނީ ކޮލެސްޓްރޯލް ދަށް ކުރުމަށާއި ބަރުދަން އެދެވޭ މިނެއްގައި ހިފެހެއްޓުމަށް ކެއުމަށް ގެނެވޭ ބަދަލުތައްވެސް އޭގެ ތެރޭގައި ހިމެނޭނެ އެވެ.

ސްޓްރޯކް ރިހެބިލިޓޭޝަންއަކީ ކޮބާ؟

ކުރިންވެސް ދަންނަވާލެވުނު ފަދައިން ސްޓްރޯކެއް ޖެހުމަށްފަހު މީހާއަށް ގިނަ ބަދަލުތަކެއް އައުމަކީ ގާތް ކަމެކެވެ. އަދި ލިބޭ ބައެއް ގެއްލުންތަކަކީ އޭގެ އަސަރު މުޅި އުމުރަށް ކުރާ ކަންކަމެވެ. މިސާލަކަށް ވާހަކަ ދެއްކުމުގައި ހުންނަ އުނދަގޫތަކާއި ހިނގުމުގައި ކުރިޔެކޭ އެއްގޮތަށް ހެލި ފެލިވެ ނޫޅެވިދާނެ އެވެ. މިފަދަ ހާލަތްތަކުގައި ސްޓްރޯކްގެ ސަބަބުން މެދުވެރިވި މި ކަންކަމާއެކު ދިރިއުޅުމަށް ދަސްކުރުމަށް ދެވޭ އެކި އެކި ފަރުވާ ތަކަކީ ސްޓްރޯކް ރިހެބިލިޓޭޝަން އެވެ.

މިއީ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނޭ ކަމެކެވެ. އެގޮތުން ސްޓްރޯކް ރިހެބިލިޓޭޝަން ގެ ބޮޑު ބައެއް ހިއްސާކުރަނީ މިފަދަ ދާއިމީ ގެއްލުންތަކާއެކު ދިރިއުޅުމަށް ދަސްކޮށްދިނުމަށެވެ. އެގޮތުން ސްޓްރޯކަކަށް ފަހު ފިސިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ އަދި ސްވޮލޮވިން ތެރަޕީ ފަދަ އެތަކެއް ފަރުވާއެއް ބޭނުން ވެދާނެ އެވެ. އެގޮތުން މިއިން ކޮންމެ ތެރަޕީއަކުން ވެސް އެންމެ އެދެވޭ ނަތީޖާ ފެންނާނީ ސްޓްރޯކް ޖެހިފައިވާ ފަރާތުގެ އާއިލާއާއި ރަހްމަތްތެރިންގެ ފުރިހަމަ އެއްބާރުލުން އެ ފަރާތްތަކަށް ލިބިގެންނެވެ. އެގޮތުން އެ ތެރަޕީ ސެޝަން ތަކަށް ދިއުމާއި އެފަރާތްތަކަށް ހިތްވަރުދީ އެކުގައި އޯގާތެރި ކަމާއެކު އުޅުމަކީ އެ ފަރާތްތަކުގެ ހާލަތް އެއްދުވަހުން އަނެއް ދުވަހަށް ރަގަޅުވުމަށް އެހީތެރިވެދޭނޭ ކަމެއް ކަމާމެދު ޝައްކެއްނެތެވެ.