ހަބަރު

ދަރަނީގެ ތެރޭގައި ސޮވެރިން ގެރެންޓީވެސް ހިމަނަންޖެހޭ: ނަޝީދު

Jul 7, 2019
9

ރާއްޖެއިން ދައްކަންޖެހޭ ދަރަނީގެ ތެރޭގައި ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ސޮވެރިން ގެރެންޓީތައް ވެސް ހިމެނޭ ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އިއްޔެ ކުރި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ދައްކަންޖެހޭ ދަރަންޏަކީ ހަމައެކަނި އެހެން ގައުމުތަކުގެ ސަރުކާރަށް ދައްކަންޖެހޭ ދަރަނި އެކަނި ނޫން ކަމަށާއި ރާއްޖެއިން ދައްކަން ޖެހޭ ދަރަނީގެ ތެރޭގައި ސޮވެރިން ގެރެންޓީތައް ވެސް ހިމެނޭ ކަމަށެވެ.

ރާއްޖެއިން ޗައިނާގެ ބޭންކްތަކަށް ދީފައިވާ ސޮވްރިން ގެރެންޓީ ހުރީ ވަރަށް ބޮޑަށް މަތީގައި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެކަމާމެދު ސަމާލުވާންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިވާއިރު އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ދަރަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ޗައިނާގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭއިރު، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގެ 15 ޕަސެންޓް ޗައިނާގެ ލޯންތައް ދައްކަން ކަނޑައަޅަންޖެހޭ ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ސިނަމާލޭ ބްރިޖުގެ މަޝްރޫއަށް މުޅިއަކު ހޭދަވީ 200 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި އޭގެން ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޗައިނާއިން ދިން ހިލޭ އެހީގެ ދަށުންނެވެ. އެގޮތުން ރާއްޖޭން އަނބުރާ ދައްކަން ޖެހޭނީ ބްރިޖު އަޅަން ދިޔަ ޖުމްލަ ހަރަދުގެ 50 ޕަސަންޓްކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.