ހަބަރު

ޗައިނާ ސަފީރު ނަޝީދަށް: ނުބައި މައުލޫމާތުގެ ސަބަބުން ދެގައުމުގެ ގުޅުމަށް ބުރޫއަރާ

Jul 7, 2019
13

ޗައިނާއަށް ދައްކަންޖެހޭ ދަރަންޏާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ރާއްޖޭގެ ހުންނަވާ ސަފީރާއި ދެމެދު ކުރެވެމުންދާ ބަހުސްގެ ތެރެއިން، ސައްހަ ނޫން ނުރަނގަޅު މައުލޫމާތުގެ ސަބަބުން ދެގައުމުގެ ދެމެދުއޮންނަ ގާތް އެކުވެރި ގުޅުމަށް ބުރުއަރަމުންދާކަމަށް ސަފީރު ވިދާޅުވެއްޖެ އެވެ.

ދަރަންޏާ ގުޅިގެން މީގެ ކުރިންވެސް އެކި ފަހަރުމަތިން ހިޔާލު ތަފާތުވެފައިވާ ދެބޭފުޅުންގެ މެދުގައި މި އަރައިރުން އުފެދިފައިވަނީ ޗައިނާއަށް ރާއްޖޭން ދައްކަންޖެހޭ ދަރަންޏާ ގުޅެގޮތުން ނަޝީދު ދާދި ފަހުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ސިނަމާލެ ބްރިޖް 77 މިލިއަނަށް އަޅައިދޭން ޖީއެމްއާރް ކުންފުނިން ކޮޓޭޝަން ހުށަހެޅި ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ޗައިނާގެ ކުންފުންޏާ ހަވާލު ކުރުމުން މިއަދު 300 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ދަރަނީގެ ގޮތުގައި 3.4 ބިލިއަން ޑޮލަރު ޗައިނާގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭއިރު، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގެ 15 ޕަސެންޓް ޗައިނާގެ ލޯންތައް ދައްކަން ކަނޑައަޅަންޖެހޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ޖަންގް ލިޖޮންގް އިއްޔެ ވިދާޅުވެފައިވަނީ ސިނަމާލޭ ބްރިޖުގެ މަޝްރޫއަށް މުޅިއަކު ހޭދަވީ 200 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި އޭގެން ބޮޑު ބައެއް ހަމަޖައްސާފައިވަނީ ޗައިނާއިން ދިން ހިލޭ އެހީގެ ދަށުންނެވެ.

އެގޮތުން، ރާއްޖޭން އަނބުރާ ދައްކަން ޖެހޭނީ ބްރިޖު އަޅަން ދިޔަ ޖުމްލަ ހަރަދުގެ 50 ޕަސަންޓްކަމަށް ވެސް ސަފީރު ފާހަގަކުރެއްވި އެވެ.

"... ރާއްޖޭން އަނބުރާ ދައްކަން ޖެހެނީ 100 މިލިއަން ޑޮލަރު. އެވެސް ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު 20 އަހަރުގެ މުއްދަތެއްގެ ތެރޭގައި،" ލިޖޮންގް ވިދާޅުވި އެވެ.

އެހެން ލޯނުތަކާއެކު ރާއްޖޭން ޗައިނާއަށް ދައްކަންޖެހޭ ޖުމްލަ ދަރަނީގެ އަދަދުތަކުގެ މައްޗަށްވެސް ސަފީރު ކުރެއްވި އެހެން ޓުވީޓެއްގައި ވަނީ އަލިއަޅުވާލައްވައިފަ އެވެ.

އެގޮތުން، ރާއްޖޭގެ ބޭރު ދަރަނީގެ އަދަދު 3.21 ބިލިއަން ޑޮލަރުގައި ހުރި އިރު، ޗައިނާއަށް ދައްކަންޖެހެނީ 1.53 ބިލިއަން ޑޮލަރުކަމަށް މަރުކަޒީގެ ބޭންކުގެ ތަފާސް ހިސާބުތަކަށް ހަވާލާދެއްވަމުން ލިޖޮންގް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ވާހަކަތައް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވެފައިވަނީ ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ ތެރޭގައި ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ސޮވެރިން ގެރެންޓީތައް ވެސް ހިމެނޭ ކަމަށެވެ. ނަޝީދު އިއްޔެ ކުރެއްވި ޓްވީޓަށް ރައްދުގައި ޗައިނާ ސަފީރު މިއަދު ވިދާޅުވީ ދަރަންޏާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތުތަކެއްގެ ސަބަބުން ދެގައުމުގެ ދެމެދު އޮންނަ ރަހުމަތްތެރި ގުޅުމަށް ބުރޫއެރުމަކީ ބަލައިނުގެނެވޭނެކަމެއް ކަމަށެވެ.

"ސައްހަ މައުލޫމާތުތަކުގެ މައްޗަށް ދެ ފަރާތުން ވާހަކަ ދެއްކުން ވަރަށް މުހިންމު. އަދި އެއްވެސް ކަންބޮޑުވުމެއްގެ ރަނގަޅު މަންޒަރު ހޯދުމަކީ ފޯނު ކޯލަކުން ނިމޭނެ ކަމެއް،" ސަފީރު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ސަފީރު އިތުރަށް ވިދާޅުވި ގޮތުގައި، ޗައިނާއިން ދޭ ލޯނުގެ ސަބަބުން އެއްވެސް ގައުމެއް ދަރަނިވެރިގެންދާ މަންޒަރު ދެކެން ބޭނުންނުވާ ކަމަށާއި، ޗައިނާއިން ލޯނު ދެނީ އެ މަޝްރޫއަކާ ގުޅިގެން ގިނަ ދިރާސާތަކެއް ހެދުމަށްފަހުގައި ކަމަށެވެ.