ދުނިޔެ

އަލް ގައީދާއަށް ފަންޑުކުރާ މީހަކު ޕާކިސްތާނުން ހައްޔަރުކޮށްފި

ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލް ގައިދާއަށް ފަންޑު ކުރަމުންދިޔަ އަލީ ނަވާޒް ނަމަކަށް ކިޔާ މީހަކު ޕާކިސްތާނުން ހައްޔަރުކޮށްފި އެވެ.

ޕާކިސްތާންގެ ސިފައިން ބުނީ އަލީ ނަވާޒް، އަލް ގައިދާއަށް ފަންޑު ކުރަމުން ގެންދިޔައީ އިންސާނީ ހައްގުތަކަށް އެހީ ފޯރުކޮށް ދިނުމުގެ ނަމުގައި ހަދާފައިވާ އެންޖީއޯ އެއް މެދުވެރިކޮށް ކަމަށެވެ.

ސިފައިން އިތުރަށް ބުނީ ޕާކިސްތާނުގެ އެކިއެކި ބޭންކުތަކުގައި އަލީ ނަވާޒްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކުން އެންޖީއޯ އަށް ފައިސާ ފޮނުވުމުން، އެ އެކައުންޓުތައް މެދުވެރިކޮށް އަލް ގައީދާއަށް ފައިސާ ފޯރުކޮށް ދެމުން ގެންދިޔަ ކަމަށެވެ.

އަލީ ނަވާޒް ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަންގައި ވަނީ އިތުރު ތިން މީހުންވެސް ހައްޔަރުކޮށްފަ އެވެ. މި އެންމެވެސް ހައްޔަރުކޮށްފައިވަނީ، އެންޖީއޯ ހިންގާ އޮފީސް ތެރެއިންނެވެ. ފާއިތުވި މަސްތަކުގައި ޕާކިސްތާނުން ވަނީ ޓެރަރިޒަމް އާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ފަށައިފަ އެވެ.

މި އޮޕަރޭޝަންގައި ދަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ފައިސާ ފޮނުވާ މީހުންވެސް ހައްޔަރު ކުރަމުންނެވެ.