ހަބަރު

ޖަމިއްޔާގެ ހުށަހެޅުންތަކަށް ރިއާޔަތް ކުރާނަން: ހިސާން

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ހުށަހެޅި އިސްލާހުތަކާމެދު ރިއާޔަތްކޮށް ބަހުސް ކުރައްވާނެ ކަމަށް ޖޭއެސްސީގައި އިންނަވާ ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ވަނީ ޖޭއެސްސީގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ނިންމާފަ އެވެ. އެއީ އެމްޑީޕީއިން މަޖިލިސް އިންތިހާބުގައި ވެފައިވާ ވައުދެކެވެ. އެ މަސައްކަތް މިހާރު މަޖިލީހުގެ ތެރެއިން ވަނީ ފަށާފަ އެވެ.

ދާދިފަހުން ހަރަކާތްތެރިވި، ފަނޑިޔާރުންގެ ޖަމިއްޔާއިން ބުނި ގޮތުގައި ސަރުކާރުން ގެންނަން ނިންމާފައިވާ ބައެއް އިސްލާހުތަކާ ގުޅޭ ގޮތުން އެ ޖަމިއްޔާއިން ދެކޭ ގޮތާއި އާ ހުށަހެޅުންތަކެއް މަޖިލީހާ ވާނީ ހިއްސާކޮށްފަ އެވެ.

އެކަމަށް އިޝާރަތް ކުރައްވައި، މަޖިލީހުގެ ޖުޑީޝަލް ކޮމެޓީގައި ވެސް އިންނަވާ މެންބަރު ހިސާން ވިދާޅުވީ ޖަމިއްޔާއިން ހުށަހެޅި އިލްމީ އިސްލާހުތަކަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ. އަދި އެކަމާމެދު ކޮމެޓީގައި ބަހުސްކޮށް ގޮތްތަކެއް ނިންމަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ޖޭއެސްސީގެ ގާނޫނަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހުތަކުގައި ކޯޓުތަކުގެ ރަޖިސްޓްރާއަށް އިތުރު ބާރުތަކެއް ދިނުމަށް ނިންމާފައިވެ އެވެ. ސަރުކާރުގެ ހުށަހެޅުމަކީ ކޯޓުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި މުވައްޒަފުންގެ ވަޒީފާއާ ބެހޭ ކަންކަން ރަޖިސްޓްރާގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދިޔުމެވެ.

ނަމަވެސް މި އިސްލާހާމެދު ޖަމިއްޔާއިން މުޅިން ތާއިދެއް ނޫނެވެ. އެއީ ކޯޓުތަކުގެ އިދާރީ އޮނިގަނޑުގައި އިދާރީ އެންމެ އިސް ފަރާތަކީ ކޯޓު އެޑްމިނިސްޓްރޭޓަރުން ކަމަށް ކަނޑައަޅާފައިވާތީ ކަމަށް ޖަމިއްޔާއިން ބުނެ އެވެ.

މީގެއިތުރުން ޖަމިއްޔާއިން އެދިފައިވަނީ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމަށާއި މައްސަލައެއް ސާބިތުވެއްޖެނަމަ ރެކޯޑް ދެމިއޮންނާނެ މުއްދަތެއް ކަނޑައެޅުމަށެވެ.

ސަރުކާރުން ވަނީ ޖޭއެސްސީގެ ދަށަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުކުރަން ވެސް ނިންމާފަ އެވެ. ޖޭއެސްސީގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވާނީ ޗީފް އޮފް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކަމަށް އިސްލާހުގައިވެ އެވެ.