ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މާދަމާއަށް ތާވަލުކޮށްފި އެވެ.
ލުތުފީއާ ގުޅޭ ގޮތުން އިމްރާންއާ ސުވާލު ކުރުމަށް މަޖިލީހަށް ހުށަހެޅީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ. އޭނާ ހުށަހެޅުއްވި ސުވާލުގައި ވަނީ ސްރީލަންކާގައި ފިލައިގެން އުޅެ، މިދިޔަ މެއި މަހު އެމްބަސީއަށް އަމިއްލައަށް ހަވާލުވި ލުތުފީ އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު އޮތް ހިސާބެއް ސާފު ކުރުމަށެވެ.
މަޖިލިސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީންއާމް ފާތިމަތު ނިއުޝާ ވިދާޅުވީ ލުތުފީއާ ގުޅޭ ގޮތުން އިމްރާންއާ ސުވާލު ކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާގައި ތާވަލުކޮށްފައިވާ ކަމަށެވެ.
ލުތުފީ މައްސަލައިގެ އިތުރުން ފެބްރުއަރީ 7، 2012 އާއި ފެބްރުއަރީ 8، 2012 ގައި ހިނގި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން އިމްރާންއާ ސުވާލު ކުރުމަށް ވެސް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ހުށަހަޅައިފަ އެވެ. ނިއުޝާ ވިދާޅުވީ އެ މައްސަލައިގެ ނޯޓިސް މިނިސްޓަރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިނިސްޓަރަކަށް ސުވާލެއް ކުރަން ނޯޓިސް ފޮނުވާ ދުވަހުން ފެށިގެން 14 ދުވަސް ތެރޭގައި މަޖިލީހަށް ޖަވާބު ދާރީވާން ޖެހެ އެވެ.