ވިޔަފާރި

ތައިލެންޑުގެ ބާޒާރުގައި މަހުގެ އަގު 20 ޕަސެންޓް ދަށަށް!

ރާއްޖޭން އެންމެ ގިނައިން ރޯމަސް އެކްސްޕޯޓު ކުރާ، ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަމަހުގެ އަގު 20 ޕަސެންޓް ދަށަށް ގޮސްފި އެވެ.

ފިޝަރީޒް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިޝަރީޒް ޕްރައިޒް އިންފޮމޭޝަންގައިވާ ގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ތައިލެންޑުގެ ބާޒާރުގައި ކަޅުބިލަ މަސް ޓަނެއް ގަންނަމުން ގޮސްފައިވަނީ 15،420.00ރ. އެވެ. މި އަދަދަކީ ކުރީ ހަފުތާގައި ކަޅު ބިލަމަހުގެ އަގު ހުރި 19،275.00ރ. އާ އަޅާބަލާއިރު 20 ޕަސެންޓު ދަށްވުމެކެވެ.

މިދިޔަ އަހަރު ރާއްޖޭން 8.65 ހާސް މެޓްރިކް ޓަނުގެ ރޯމަސް އެކްސްޕޯޓް ކޮށްފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ޖަޕާނުގެ ބާޒާރުގައި ލޯ ބޮޑު ކަންނެލީގެ އަގު ވެސް ދަށަށް ގޮސްފައިވާ ކަމަށެވެ. މިހާރު ޖަޕާނުގެ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއް ހުރީ 325.82ރ. އަށެވެ. މިއީ ކުރީ ހަފުތާގައި ލޯބޮޑު ކަންނެލި ކިލޯއެއް ގަތް 472.96ރ. އާ އަޅާބަލާއިރު 31.11 ޕަސެންޓް ދަށް ވުމެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ދިޔަނަމަވެސް ރާއްޖޭގައި މަހުގެ އަގަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. ރާއްޖޭގައި ފިނިކުރި މަސް ކިލޯއެއް ކުންފުނިތަކުން ގަންނަމުން ގެންދަނީ 20ރ. އަށެވެ. އަދި ބޮޑު ކަންނެލީގެ އަގު ވަނީ ރާއްޖޭގެ ބާޒާރުގައި ބޮޑުވެފަ އެވެ. ބޮޑު ކަންނެލި ކިލޯއެއް މިދިޔަ ހަފުތާގައި 40.86ރ. ހުރި ނަމަވެސް މިހާރު ކަންނެލި ކިލޯއެއް ގަންނަނީ 44.47ރ. އަށެވެ. މިއީ 8.84 ޕަސެންޓު މަތިވުމެކެވެ.