ދިވެހި ޕްރެމިއާ ލީގް

އީގަލްސްއާ ދެކޮޅަށް ހުރިހާ އުކުޅެއް ބޭނުން ކުރާނަން

ދިވެހި ޕްރިމިއާ ލީގްގައި މިއަދު، އީގަލްސް އާ ދެކޮޅަށް ކުޅޭ މެޗުގައި މާޒިޔާއަށް ބޭނުން ކުރެވެން ހުރި ހުރިހާ ޓެކްޓިކްސް އެއް ބޭނުން ކުރާނެ ކަމަށް މާޒިޔާގެ ކޯޗް މަރުޔާން ސެކްލޮވްސްކީ ބުނެފި އެވެ.

މިރޭ އީގަލްސް އާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން، ސެކްލޮވްސްކީ ބުނީ، އީގަލްސްއަށް ބްރޭކެއް ލިބި މެޗަށް ކުރިމަތިލާން ޖެހުމަކީ އެ ޓީމަށް އޮތް ބޮޑު އެޑްވާންޓޭޖެއް ކަމަށެވެ. އޭނާ ބުނީ ގިނަ އަހަރުތަކެއް ވަންދެން އެއް ކުޅުންތެރިންތަކެއް ތިބުމަކީ އީގަލްސް ޓީމު އިތުރަށް ވަރުގަދަވާ ސަބަބެއް ކަމަށެވެ.

"އީގަލްސްއަށް އެބައޮތް އެޑްވާންޓޭޖު. ސަބަބަކީ އެ މީހުން މެޗަށް ނިކުންނާނީ ރެސްޓް ކުރަން ވަގުތުތަކެއް ލިބުމަށް ފަހު، ފަހަރެއްގައި އެ ޓީމުގެ ކުޅުންތެރިން ވަރަށް ފްރެސްކޮށް ތިބެދާނެ އަހަރެމެންގެ ކުޅުންތެރިންނަށް ވުރެ ބޮޑަށް،" ސެކްލޮވްސްކީ ވާހަކަ ދެއްކި އެވެ. "އަހަރެން އުންމީދު ކުރަން މާޒިޔާގެ ކުޅުންތެރިން އެ ކުޅުންތެރިންގެ ހުރި ހުރިހާ ހިތްވަރެއް އީގަލްސްއާ ދެކޮޅަށް ނެރޭނެ ކަމަށް، އަހަންނަށް އެންމެ މުހިންމު ކަމަކީ ކުޅުންތެރިން ގެ މެކްސިމަމް ދިނުން، މެކްސިމަމް ދީފިއްޔާ ޓެކްޓިކަލް ޑިސިޕްލިންވެސް އެއްވަރެއްގައި ހިފެހެއްޓޭނެ."

މެޗަށް ނިކުންނައިރު މާޒިޔާއަށް އޮތް ކަންބޮޑުވުމަކީ އެ ޓީމުގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އާއި މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) އަށް އަނިޔާގެ މައްސަލަ ކުރިމަތި ވެފައި ވުމެވެ. ސެއިންޓް ވިންސެންޓްގެ މާޒިޔާގެ ފޯވަޑް ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) މާޒިޔާގެ ޓީމާ ގުޅުނީ މިދިޔަ ހަފުތާގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗަށް ކުޑަތަން ވެފައި ވަނިކޮށެވެ. ސެކްލޮސްކީ ވަނީ އެ މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކޯނޭ ކުޅެން ނެރެފަ އެވެ. މިއަދު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ކޯނޭއަށް ފުރަތަމަ 11 އިން ފުރުސަތު ދޭން ވިސްނަންތޯ ސުވާލު ކުރުމުން، ސްކްލޮސްކީ ބުނީ އެކަމުގައި މާޒިޔާއަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާނެ ކަމަށެވެ.

"ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައިވެސް ކުޅެން ނުކުމެދާނެ ނުވަތަ ފުރަތަމަ 11 ގައިވެސް ކުޅެން ނުކުމެދާނެ އަހަރެން ބަލާނަން ކޮބާތޯ އެންމެ ރަނގަޅު ފުރުސަތަކީ،" ސެކްލޮވްސްކީ ވާހަކަ ދެއްކި އެވެ. "އަހަރެމެންގެ ހުރިހާ ފުރުސަތެއް ބޭނުން ކުރާންނަން."

މެޗަށް ނިކުންނައިރު އީގަލްސްގެ މެނޭޖަރު މުހައްމަދު އިނާން އަލީ ބުނީ، އީގަލްސް މެޗަށް ނިކުންނަނީ މޮޅުވެވޭނެ ކަމުގެ ބޮޑު އުންމިދަކާއެކުގައި ކަަމަށެވެ. އޭނާ ބުނީ ކުޅުންތެރިންވެސް ތިބީ އެ ރޫހްގައި ކަމަށެވެ. މިއަދު ކުޅޭ މެޗުގައިވެސް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ނުހުންނާނެ އެވެ. އޭއެފްސީ ޕްރޯ ލައިސެންސް ކޯހުގެ ދެ ވަނަ ބައި ފުރިހަމަ ކުރުމުގެ ގޮތުން މޯހަން ހުރީ ޖަޕާންގަ އެވެ. އިނާން ބުނީ އެންމެ ފަހުން ކުޅުނު ދެ މެޗުގެވެސް ވީޑިއޯ މޯހަން ބަލާފައިވާ ކަމަށާއި ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭކަން ހާމަކޮށްފައިވާ ކަމަށެވެ.